ޚަބަރު

ބޫޓާނާއި އެއްވަރުވެ، ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެ


  • ރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ކޮޅަކަށް ލަނެޑެއް ނުޖެހި، އެއްވަރުވެގެން

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބޫޓާން އާއި އެއްވަރުވެ ރާއްޖެއަށް މުބާރާތުގައި ކުރިއަށްދިއުމަށް ބޮޑެތި ހުރަސްތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ގްރޫޕް އޭގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ޓީމުން ކުޅުނު ދެވަނަ މެޗު ނިމުނީ 2 ޓީމުންކުރެ އެއްޓީމަކަށްވެސް ގޯލެއް ކާމިޔާބުނުކުރެވިއެވެ.

މިމެޗު ފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓާ ގިނަ އެޓޭކްތައް ތަނަވަސްކުރަމުންދިޔައީވެސް ދިވެހި ޓީމުންނެވެ. އަދި ދިވެހި ކުޅުންތެރިން ހިފެހެއްޓުމަށް ބޫޓާން ޓީމުން ގިނަ ފައުލްތަކެއް މެޗުގެ ކުރީކޮޅު ވަނީ ކޮށްފައެވެ.

ފުރަތަމަ 10 ވަރަކަ މިނެޓު ރާއްޖޭން ކުޅެމުންދިޔަނަމަވެސް އޭގެ ފަހުން މަޑުމަޑުން ގޭމްގެ ތެރެއަށް ވަދެ ބޫޓާން ޓީމުން ވަނީ އެޓޭކްތައް ވަރުގަދަ ކުރަންފަށާފައެވެ. އަދި ޖެހިޖެހިގެން 3 ކޯނަރު ހޯދިއިރު އެޓީމަށް ކޯނަރުތަކުގެ ބޭނުންވެސް ރަނގަޅަށް ހިފޭގޮތް ވަނީ ނުވެފައެވެ.

މެޗުގައި ގޯލް ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ފުރަތަމަ ތަނަވަސްކުރީވެސް ދިވެހިޓީމުންނެވެ. އެއީ މެޗުގެ 24 ވަނަ މިނެޓުގައި އަރިމަތިން އީތަން ނަގާދިން ހުރަސް ފާޕޯސްޓުން އަރާ އިލާންއަށް ބައިންދާލަދިނީ ނައްސާޙްއެވެ. މި ބޯޅަ ކޮންޓްރޯލް ކޮށްލާފައި އިލާން ބަލާލާފަ ފޮނުވާލުމުން އަމާޒުވީ ހުރަސްދަނޑިއަށެވެ.

މިފުރުސަތަށްފަހު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ އަނެއްކާވެސް ދިވެހި ޓީމުންނެވެ.

ފުރަތަމަ ހާފްގައި ބޫޓާންއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 41ވަނަ މިނެޓުގައި އެޓީމުގެ 10 ނަންބަރު ސޮނަމް ދޮރްޖީއަށެވެ. ސޮނަމް އޭރިއާ ބޭރުން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލް މަތިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފްއަށް ދިވެހި ޓީމުން ނިކުތީ ބަދަލަކާއެކުއެވެ. އެއީ އަރިމަތިން ކުރިއަށް ކުޅެމުންދިޔަ އައިދް މުހައްމަދު ޖަވީޒްގެ ބަދަލުގައި ޔޫސުފް އަޔާން އާމިރް އާއެކުއެވެ.

ފުރަތަމަ ހާފް އާއި ހިލާފަށް ދެވަނަ ހާފް ފަށައިގެން ފުރަތަމަ ހަމަލާތައް އުފައްދަން މަސައްކަތް ކުރީ ބޫޓާން ޓީމުންނެވެ. އެހެންނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މެޗުގެ ކޮންޓްރޯލް ދިވެހި ޓީމުން މި ހާފްގައިވެސް ވަނީ ނަގާފައެވެ.

މިގޮތުން ރާއްޖޭގެ އަޔާންއަށް ޕެނަލްޓީ އޭރިއާތެރެއިން ކީޕަރު ޕަންޗުކުރި ބޯޅަ ލިބުނު އިރު އެއްފަހަރުން ފޮނުވާލި ބޯޅަ ދިޔައީ ކީޕަރާ ދިމާލަށެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ކެޕްޓަން އިލާން ބޯޅައާއެކު ދެކުޅުންތެރިން ބީޓްކޮށްފައި އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް ބޫޓާން ކުޅުންތެރިންވަނީ އިލާންއަށް ފައުލްކޮށްގެން ހުއްޓުވާފައެވެ. ނަތީޖާއެއްގެ ގޮތުން ލިބުނު ހިލޭޖެހުން އީތަން ކުރިއަށްފޮނުވާލުމުން ދިޔައީ ގޯލްމަތިން ބޭރަށެވެ.

މުޅި މެޗުގައިވެސް ބޫޓާންއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުވެސް ލިބުނީ ސޮނަމް ދޮރްޖީއަށެވެ. މެޗުގެ 87 ވަނަ މިނެޓުގައި ދޮރްޖީ ޕެނަލްޓީ އޭރިއާ ކުރިމަތީގައި ހުރެފައި ފޮނުވާލި ބާރުހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މެޗުގެ އިތުރު ވަގުތުގައި އިލާން އަށާއި އަހުޒަމް އަށްވެސް ރަނގަޅު ފުރުސަތަތުތަކެއް ލިބި ބޭނުންހިފޭގޮތް ވަނީ ނުވެފައެވެ.

މިނަތީޖާއާއެކު ރާއްޖެއަށް މުބާރާތުގައި ކުރިއަށްދިއުމަށް މިވަނީ އަމިއްލަ ބާރު ގެއްލިފައެވެ.