ޚަބަރު

ހަނގުރާމައިގެ ސަބަބުން ފަގީރު ގައުމުތަކުގެ އިގްތިސާދު ނުރައްކަލަށް


އީރާނާ ދެކޮޅަށް ޔަހޫދީންނާއި އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ދަނީ ބޮޑެތި އަސަރުތައް ކުރަމުންނެވެ. ހަނގުރާމައިގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާނީ އަދި ކުރަމުން ދަނީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކަށެވެ.

ހުރުމުޒު ކަނޑުއޮޅި ބަންދުވެ، ގަލްފުގައި ހުރި ތެލާއި ގޭސް މަރުކަޒުތަކަށް އީރާނުގެ ރައްދު ޙަމަލާތައް އަމާޒުވަމުންދާއިރު، މިއިން ޒަމާނަކު ނުއުފުލޭ ވަރަށް ދުނިޔޭގެ ބާޒާރުގައި ތެލާއި ހަކަތައިގެ އަގު ވަނީ އުފުލިފައެވެ. އޭޝިޔާއާއި އެފްރިކާއާއި މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން ކުރިއަރަމުުން އަންނަ އިޤްތިޞާދުތަކުން ހަނގުރާމައިގެ މި ޙާލަތުގައި ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިލަމުންނެވެ. އެ ޤައުމުތަކުގެ ހަކަތައިގެ ބޭނުންތަކަށް ބަރޯސާ ވަނީ ޤައުމުތަކުން އެތެރެކުރާ ތެލުގެ މައްޗަށެވެ. އޭގެ އިތުރުން ކުރިއަރާފައިވާ ޤައުމުތަކާ އަޅާބަލައިއިރު އެ ޤައުމުތަކުގެ އިޤްތިޞާދު ބަލިކަށިވުމަކީ ވެސް އެ ޤައުމުތަކަށް އަންނަ ލޮޅުން އިތުރުވާ މައިގަނޑު ސަބަބެކެވެ.

ޕާކިސްތާނާއި ބަންގްލަދޭޝާއި ސްރީ ލަންކާއާއި ޢުރުދުންނާއި މިޞްރާއި އެތިއޯޕިޔާ ފަދަ ޤައުމުތަކުން މިހާރު ދަނީ ހަނގުރާމައިގެ އަސަރުތަކާ ކުރިމަތިލަމުންނެވެ. ތެލުގެ އަގު ބޮޑުވެފައިވާއިރު ބޭރު ޤައުމުތަކުން އެތެރެކުރާ ތެލުގެ މައްޗަށް އެ ޤައުމުތަކުން ބަރޯސާވާން ޖެހުމުގެ އިތުރުން، އުފުލެމުންދާ އަގުތަކުގެ ސަބަބުން ލިބޭ ގެެއްލުން ފޫބެއްދުމަށް އެ ޤައުމުތަކުގެ މާލީ ޙާލަތު ޖާގައެއް ނުދެއެވެ.

ޕާކިސްތާނަށް ބަލާނަމަ، އެ ޤައުމުގެ ހަކަތައިގެ 80 އިންސައްތަ ބަރޯސާ ވަނީ ގަލްފުގެ ޤައުމުތަކުން އެތެރެކުރާ ހަކަތައިގެ މައްޗަށެވެ. ތެލުގެ އަގު ބޮޑުވެފައިވާ މި ޙާލަތުގައި ހަކަތަ ރައްކާކުރެވޭނެ މަގުތައް ހޯދުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ އަވަސްވެގަނެފައެވެ. ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އެ ޤައުމުގެ މަދަރުސާތައް ވަނީ ބަންދުކޮށްފައެވެ. އަދި ސަރުކާތުގެ އިދާރާތަކުގައި މަސައްކަތް ކުރަނީ ހަފްތާއަކު ހަތަރު ދުވަހުއެވެ. ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ދެބައި ކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް އުޞޫލު ވަނީ ވަގުތީ ގޮތުން ބަދަލުކޮށްފައެވެ. އަދި އިދާރާތަކަށް ދޭ ފިއުލް އެލަވަންސު ވެސް ވަނީ ކުޑަކޮށްފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ތެލުގެ އަގު އިތުރަށް އުފުލި، އިޤްތިޞާދީ ޙަރަކާތްތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ބަންގްލަދޭޝްއަކީ ވެސް އެ ޤައުމަށް ބޭނުންވާ ތެލުގެ 95 އިންސައްތަ ބޭރުން އެތެރެކުރާ ތެލުގެ މައްޗަށް ބަރޯސާވާ ޤައުމެކެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެ ޤައުމުގެ ތެލުގެ ރިޒާވް ހުސްވާނެ ކަމަށް ބެލެވެއެވެ. ޕެޓްރޯލް ވިއްކާ މިންވަރު އެ ޤައުމުގައި މިހާރު ކޮންޓްރޯލްކޮށްފައިވާއިރު، ބައެއް ސަރަޙައްދުތަކުގައި ހުންނަ ޕެޓްރޯލް ޕަމްޕުތަކުން މި ދުވަސްވަރު އެއްވެސް މިންވަރަކަށް ތެލެއް ނުލިބެއެވެ.

ސްރީ ލަންކާއަކީ ވެސް އެ ޤައުމަށް ބޭނުންވާ ހަކަތައިގެ 60 އިންސައްތަ އެހެން ޤައުމުތަކުން އެތެރެކުރާ ޖަޒީރާ ޤައުމެކެވެ. 2019ވަނަ އަހަރު ސްރީ ލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަދި ވެސް އެ ޤައުމަށް އަރައިގަނެވިފައި ނުވާއިރު، އެ ޤައުމުން މިހާރު ވަނީ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި ޕެޓްރޯލްއާއި ޑީސެލް ވިއްކާ މިންވަރު ކޮންޓްރޯލް ކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެ ޤައުމުގައި ހުރި ތެލުގެ ސްޓޮކް މަދު ހަފްތާތަކެއް ތެރޭގައި ހުސްވާނެ ކަމަށް ބެލެވެއެވެ.

އެންމެ ގިނަ ޢަދަދަކަށް ހަކަތަ އެތެރެކުރާ އެއް ޤައުމުގެ ގޮތުގައި އޮތް މިޞްރަކީ މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު، އަދި އެންމެ ބަލިކަށި އިޤްތިޞާދު އޮތް އެއް ޤައުމެވެ. ހަނގުރާމައިގެ އިޤްތިޞާދީ އަސަރު ކުޑަ ކުރުމަށް އެ ޤައުމުން ވެސް ވަނީ ހަފްތާ ބަންދުގައި ނޫނީ މޯލްތަކާއި ފިހާރަތަކާއި ކެފޭތައް ރޭގަނޑު 9ޖަހާއިރު ބަންދުކުރުމަށް އަންގާފައެވެ. ހަފްތާ ބަންދުގައި އެ ތަންތަން ރޭގަނޑު 10ޖަހާއިރު ބަންދުކުރަން ޖެހެއެވެ. މިޞްރުގައި ޕެޓްރޯލްއާއި ޑީސެލްއާއި ކައްކާ ގޭހުގެ އަގު ވަނީ 15 އިންސައްތައާއި 22 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ.

ސެންޓަރ ފޮރ ގްލޯބަލް ޑިވެލޮޕްމަންޓުން ބުނީ އެންމެ ބޮޑަށް ނުރައްކާ އޮތީ ޕާކިސްތާނާއި ބަންގްލަދޭޝްއާއި ސްރީލަންކާއާއި ޢުރުދުންއާއި ސެނެގަލްއާއި މިޞްރާއި އަންގގޮލާއާއި އެތިއޯޕިޔާއާއި ޒަމްބިޔާއަށް ކަމަށެވެ. އިޤްތިޞާދީ ނުރައްކާ އެންމެ ބޮޑަށް އޮތް ޤައުމުތައް ދެނެގަތުމުގައި އެ ސެންޓަރުން ބަލާފައި ވަނީ ޤައުމުތަކުން ތެލުގެ އިމްޕޯޓަށް ބަރޯސާވާ މިންވަރާއި، ދަރަނި އޮތް މިންވަރަށާއި ފޮރިން އެކްސްޗޭންޖް ރިޒާވްްއަށެވެ.