 
										
			މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރަން ޤާނޫނީގޮތުން ކުރެވެން އޮތް ހުރިހާކަމެއް ފަނޑިޔާރުން ކުރަންޖެހޭކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ. 
އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ، ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ފަނޑިޔާރުކަމަކީ ވަރަށް މަތިވެރި މަސްއޫލިއްޔަތެއްކަމަށެވެ. އަދި ކޮންމެ ފަނޑިޔާރެއްގެވެސް އަޒުމަކަށް ވާންވާނީ މި މަތިވެރި މަސްއޫލިއްޔަތު ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ދެމިތިބުމަށްކަމަށެވެ. މި މަތިވެރި ޒިންމާ އަދާކުރުމުގައި މާތްﷲ އަންގަވާފައިވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައިކަން ފާހަގަކުރައްވާ، މިކަމުގައި ފަރުވާކުޑަ ނުކުރެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. 
ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާނޫނީގޮތުން ލިބިފައިވާ ބާރުތައް ޤާނޫނީ އިމުގެ ތެރޭގައި ބޭނުންކުރުން އެއީ އަބަދުވެސް ފަނޑިޔާރުން ހަނދާންކުރަންޖެހޭ ކަމެއްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. 
"ފަނޑިޔާރުކަމާ އެކީގައި ޤާނޫނީގޮތުން ކޮންމެ ބޭފުޅަކަށްވެސް ވަރަށް ވަރުގަދަ ބާރުތަކެއް ލިބިގެންވޭ. އެހެންނަމަވެސް ހަނދާންކުރަންވީ ކަމަކީ މިއިން ކޮންމެ ބާރަކީވެސް ސުވާލުކުރެވޭނެ ބާރެއްކަން. މިއިން ކޮންމެ ބާރަކާމެދު ތިބޭފުޅުންނަށް ސުވާލުކުރެވޭނެ، ތިބޭފުޅުންގެ ކޮންމެ ނިންމުމަކާމެދުވެސް ސުވާލުކުރެވޭނެކަން. އަބަދުވެސް އެކަން ހިތުގައި ބޭއްވުން އެއީ ވަރަށް މުހިންމުކަމެއް." އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވިއެވެ. 
		
 
										 
										 
										 
										
			އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުންނަކީ ތިމާގެ އުޅުންތަކާއި ގުޅުންތަކުގައި އެހެން އެންމެންނަށް ނަމޫނާ ދައްކަންޖެހޭ ބައެއްކަމަށެވެ. އަދި ކޯޓުތަކުގެ މުވައްޒަފުންނަށާއި ޚިދުމަތް ހޯދަން އަންނަ އެންމެންނަށްވެސް ނަމޫނާ ބަޔަކަށް ފަނޑިޔާރުންވުމަށް އުއްތަމަ ފަނޑިޔާރު ވަނީ ގޮވާލައްވާފައެވެ. 
ހަމައެހެންމެ ފަނޑިޔާރުންނަށް އިޚްތިރާމް ލިބުން ބިނާވެގެންވަނީ އެ ފަނޑިޔާރަކު ކޯޓުތެރޭގައްޔާއި ކޯޓުން ބޭރުގައި އަމަލުކުރާ ގޮތެއްގެ މައްޗަށްކަން ފާހަގަކުރައްވާ، ފަނޑިޔާރުންގެ އަމަލުތައް އަބަދުވެސް ބަހައްޓަންވާނީ ރިވެތި އަޚްލާޤީ އަދަބުވެރި މިންގަނޑެއްގެ ތެރޭގައިކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. 
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ އަދުލު އިންސާފު ޤާއިމުކުރުމަކީ އިލާހީ ރިސާލަތުގެ މައިގަނޑު އަސާސްކަމަށާއި، މިއީ އެއްވެސް ހާލެއްގައި އާދައިގެ ޒިންމާއެއްގެ ގޮތުގައި ނުދެކުމަށް ފަނޑިޔާރުންގެ ކިބައިން ނަސޭހަތްތެރިވެވަޑައިގެންފައެވެ. 
މި ރަސްމިއްޔާތުގައި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޢައްޔަނުކުރެއްވި 2 ފަނޑިޔާރުން ހިމެނިވަޑައިގަންނަވާގޮތަށް ފަނޑިޔާރުކަމުގެ ހުވާ 19 ބޭފުޅަކު ވަނީ ކުރައްވާފައެވެ. 
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޢައްޔަނުކުރެއްވި ދެ ފަނޑިޔާރުންނަކީ ގއ. ކަނޑުހުޅުދޫ ޔުނިކޯ، އަލްއުސްތާޛު މުޒައްމިލު ނާޞިރާއި ހއ. އިހަވަންދޫ އުދަރެސް، އަލްއުސްތާޛު އަޙްމަދު ޝާފިޢުއެވެ. މި ފަރާތްތަކަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ އެވެ.