ޚަބަރު

ދައުރު ނިމޭއިރު މާލޭގައި އެއްވެސް ބައު މިސްކިތެއް ނުހުންނާނެ: ވަޒީރު ޑރ. ޝަހީމް


  • އައު މިސްކިތްތައް އެޅުމަށް މިހާރު ސްޕޮންސަރުން ހަމަޖެހިފައިވޭ

  • ބާ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެެއް

މި ދައުރު ނިމޭއިރު މާލޭގައި އެއްވެސް ބައު މިސްކިތެއް ނުހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މ. މުއިވެޔޮދޮށުގެ/ބޮޑުގެ ބިމުގައި ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މ. މުއިވެޔޮދޮށުގެ ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ އެޅި ބިމަކީ ކުރީގައިވެސް ތަޢުލީމީ އެކި ހަރަކާތްތައް ކުރިއަށް ގެންދެވުނު ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި މަޝްރޫޢުވެސް ކުރިއަށްދާނީ އަޅުކަމާއި ތަޢުލީމާއި އިޖުތިމާޢީ އެކި ހަރަކާތްތައްވެސް މި ސެންޓަރުގައި ކުރެވޭ ގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ.  

މި މިސްކިތުގެ މަޝްރޫޢު ނިމުމާއެކު މިއީ މާލޭގައި ހުރި އެންމެ މިޒަމާނަށް ފެތޭ އެއް ތަނަކުން އެންމެ ގިނަ ވަސީލަތްތައް ބޭނުންކުރެވޭ މިސްކިތަކަށް ވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ދީނީ އެކި ހަރަކާތްތަކާއި ޕްރީ ސްކޫލްތަކުގެ ހަރަކާތްތައްވެސް ހިލޭ ކުރިއަށް ގެންދެވޭނެ ސެންޓަރަކަށްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މާލެ ސިޓީގައި ހުރި ބައު މިސްކިތްތަކުގެ ތެރެއިން އެންމެ މިސްކިތެއް ފިޔަވާ ބާކީ ހުރިހާ މިސްކިތްތަކެއް ހުރި ބިންތަކުގައި އައު މިސްކިތް އެޅުމަށް މިހާރު ސްޕޮންސަރުން ހަމަޖެހިފައިވާކަމަށެވެ.

މި އައު މިސްކިތްތަކުގެ މަޝްރޫޢުތައް ނިމުމުން މާލެ ސިޓީއަކީ މި ސަރަހައްދުގައިވެސް ހުރި އެންމެ ރީތި މިސްކިތްތައް ހުރި ސިޓީއަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އަންނަ އަހަރު އަފީފުއްދީން ބައު މިސްކިތަށްވެސް ސްޕޮންސަރ ލިބިގެންދާނެކަމަށެވެ.

"ގާތްގަޑަކަށް 200 މިލިޔަން ރުފިޔާގެ މަޝްރޫޢުތަކަށް ސްޕޮންސަރ ވަނީ ހަމަޖެހިފައި. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. މިދައުރުގެ ތެރޭގައި މާލޭގައި ނުހުންނާނެ ބައު މިސްކިތެއް." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މާލެ ސިޓީގައި ހުރި ބައު މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެެކެވެ. އެގޮތުން ބަރުބަރީ މިސްކިތް ޑިސެމްބަރުގައި ހުޅުވާނެ ކަމަށާއި، ޒިކުރާ މިސްކިތް އަންނަ އަހަރުގެ ޖެނުއަރީ މަހު މަސައްކަތް ފަށާނެ ކަމަށް ވަޒީރު ވަނީ ވިދަޅުވެފައެވެ. އަދި ވިލިމާލެ ސަލާމް މިސްކިތް ތަޅާލައި އެތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި މިސްކިތްތައް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.