ޚަބަރު

އޭޝިއަން ޔޫތު ގޭމްސްގައި ރަނގަޅު ކާމިޔާބީތަކެއް ލިބުން ގާތް: ވަޒީރު ރާފިޢު


  • ވަޒީރު ވަނީ ގޭމްސްގައި ވާދަކުރަމުން އަންނަ ދިވެހި އެތުލީޓުންގެ ފެންވަރު ބައްލަވާލައްވާފައި

  • ކާމިޔާބު ހޯދުމުގެ އަޒުމުގައި އެތުލީޓުން ތިބިކަން މި ފަހަރުގެ އޭޝިއަން ޔޫތު ގޭމްސްއިން ދައްކުވައިދީފި

އޭޝިއަން ޔޫތު ގޭމްސް ކަހަލަށް މުބާރާތްތަކުން ރަނގަޅު ކާމިޔާބީތަކެއް ލިބުން އެއީ ގާތުގައި އޮތް ކަމެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ވަނީ ބަހްރެއިންގެ މަނާމާގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގައި ވާދަކުރަމުން އަންނަ ދިވެހި އެތުލީޓުންގެ ފެންވަރު ބައްލަވާލައްވާފައެވެ. ބަހްރެއިންގައި ހުންނަވާ ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ މި ފެންވަރުގެ ގޭމްސްއެއްގައި ވާދަކުރުމަކީ މާ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އެގޮތުން އެތުލީޓުން ކުޅެންވީ މެޗުތަކަށް ފޯކަސް ބަހައްޓައިގެން، ކޯޗުންގެ އިރުޝާދު އަޑުއަހައިގެން ކަމަށާއި، އެގޮތަށް ކުޅެފި ކަމަށްވާނަމަ، ރަނގަޅު ކާމިޔާބީތަކެއް ލިބުން އެއީ ގާތުގައި އޮތް ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިން ގޭމްސްތަކުގައި ވާދަކުރާއިރު އޮންނަނީ ހަމައެކަނި ތަޖުރިބާ ހޯދުން ކަމަށާއި، ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން މި ފަހަރުގެ ގޭމްސްއަށް ބަލާއިރު ބައެއް މެޗުތަކުން ކުޅުންތެރިން ހިތްވަރާއެކު ކާމިޔާބު ހޯދާފައިވާ ކަމަށާއި، އެކަމުން ދައްކުވައިދެނީ ކާމިޔާބު ހޯދުމުގެ އަޒުމުގައި އެތުލީޓުން ތިބިކަން ކަމަށްވެސް ވިދާޅުވިއެވެ.

"މީގެ ކުރިން އޮންނަނީ ހަމައެކަނި ތަޖުރިބާ ހޯދުން. މިހާރު ތަފާތަކީ އެ އެތުލީޓުން އެ ތިބީ ކާމިޔާބު ހޯދުމުގެ އަޒުމުގައި. އެގޮތުން ބައެއް މެޗުތަކުން ދިވެހި އެތުލީޓުން ކާމިޔާބު ހޯދައިފި، އެހެންކަމުން އެކަމަށް މަސައްކަތް ކުރާތަން ގިނަ އެތުލީޓުންގެ ފަރާތުން އެބަ ފެބިގެންދޭ. އެތުލީޓުން ދާން ބޭނުންވާ އަމާޒު ވަރަށް ބޮޑަށް ސާފު. މި މެޗުތަކުން ރަނގަޅު ފައިޓެއް ދީގެން، ވާދަވެރިކޮށް، ކުރިއަށްވުރެ މޮޅަށް ކުޅޭ މަންޒަރު މިހާރު މި ދަނީ ފެނިގެން."

މި ފަހަރުގެ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖެއިން އަންނަނީ 7 ކުޅިވަރެއްގައި ވާދަކުރަމުންނެވެ. މި ކުޅިވަރުތަކުގައި ވާދަކުރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ފަރާތުން ރަނގަޅު ވާދަވެރިކަމެއް ފެނިފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި ގޭމްސްއިން މެޑެލް ހޯދޭނެކަމުގެ އުއްމީދު ބޮޑުކަމަށް ކޯޗުންނާއި ކުޅުންތެރިންވެސް ވަނީ ބުނެފައެވެ.