ޝަރީޢަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތުދޭ މަޞްދަރު ހާމަކުރަން އޮންނަ ގޮތާމެދު ނޫސްވެރިންގެ މެދުގައިހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ހެއްކާބެހޭ ޤާނޫނަށް އިސްލާހެއް ހުށައަޅުއްވައިފިއެވެ.
ހެއްކާ ބެހޭ ޤާނޫނަށް އިސްލާޙު ހުށައެޅުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްލަމެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިއަދު ބޭއްވި ޖަލްސާގައެވެ.
ހެއްކާ ބެހޭ ޤާނޫނަށް އިސްލާހު ހުށައެޅުމުގެ މަޤުޞަދެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހެއްކާ ބެހޭ ޤާނޫނުގައި އެކުލެވޭ ހެއްކާބެހޭ ބައެއް އުސޫލުތަކާ ގުޅިގެން ޖިނާޢީ އަދި މަދަނީ މައްސަލަތަކުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށާއި ނިޒާމު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އިތުރު އުޞޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމެވެ. އަދި ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ޙާލަތްތައް މިހާރު އެ ޤާނޫނުގައި އޮތްގޮތުން ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީވެސް ބިލު ހުށައެޅުމުގެ މަޤުޞަދެކެވެ.
ހެއްކާ ބެހޭ ބިލުގައި ކިތާބީ ހެއްކާއި އިލެކްޓްރޯނިކް ހެއްކާއި މާއްދީ ހެއްކާއި އަދި އިވުނު ކަމަށް ބުނާ ހެއްކާ ބެހޭ އުޞޫލުތަކަށް އިސްލާހުތައް ހުށައަޅާފައިވެއެވެ. މި އިސްލާހުތަކުގައި ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ހިމެނޭ ވާޤިޢާއެއް ސާބިތުކުރުމަށްޓަކައި ޝަރީޢަތުގެ މަޖިލީހުގައި ޑެމޮންސްޓްރޭޝަނަކުން ނުވަތަ އެކްސްޕެރިމެންޓަކުން ހުށައެޅިދާނެކަމަށް ބަޔާންކޮށްފައެވެ. މިހާރު ހެއްކާ ބެހޭ ޤާނޫނުގައި މިގޮތަށް ހުށައެޅިދާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މިކަންކަން އެހައި ތަފުސީލުކޮށް ބަޔާންކުރައްވާފައެއް ނުވެއެވެ. އަދި އައު އިސްލާހުގައި ވާޤިޢާއެއް ނުވަތަ ހިނގި ކަމެއް ސާބިތުކޮށްދިނުމަށް އިންސްޕެންޝަނަކުން ހުށައެޅިދާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އައު އިސްލާހުގައި ޑެމޮންސްޓްރޭޝަނަކީ ވިޝުއަލް އެއިޑް ނުވަތަ ޕްރެޒެންޓޭޝަން ފަދަ ވަޞީލަތްތައް މެދުވެރިކޮށް ދައްކުވައިދޭ ޗާޓާއި ކުރެހުމާއި މޮޑެލް ފަދަ އެއްޗެހިކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އިންސްޕެންޝަންއަކީ ޝަރީޢަތުގެ މަޖިލީހަށް ގެނެސްގެން އެ އެއްޗެއް އެ މަޖިލީހުގައި ބެލެވެން ނެތް ޙާލަތެއްގައި އެ އެއްޗެއް އޮތް ތަނަކަށް ގޮސް، އެ އެއްޗެއް ބެލުމަށް ނުވަތަ ވަކި އިމާރާތެއް ނުވަތަ ތަނެއް ބެލުމަށެވެ.
މި އިސްލާހުތަކުގައި ހިމަނުއްވާފައިވާ އެންމެ މުހިންމު އެއް ބަޔަކީ ޝަރީޢަތުގެ މައްސަލައަކާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަޞްދަރު ހާމަކުރުމަށް އޮންނަ އޮތުމުގައި ނޫސްވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އިސްލާހުތައް ގެނެސްފައިވާ ބައެވެ. މިގޮތުން މިހާރު ހެއްކާ ބެހޭ ޤާނޫނު އޮތްގޮތާއި ހުށައަޅާފައިވާ އިސްލާހުތަކާ ދެމެދު އޮތް ތަފާތަކީ ނޫސްވެރިންނަށް ދިމާވެދާނެ ކަންކަމަށް ވަރަށް ބޮޑަށް ރިޢާޔަތްކުރުމެވެ.
ކުށަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ދެނެގަތުމަށް ނުވަތަ އެ ފަރާތެއް ހުއްޓުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައިވާނަމަ، ނޫސްވެރިޔާގެ މަސްދަރު އަންގައިދޭ މަޢުލޫމާތު ހާމަކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ނުވަތަ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ދަޢުވާ ލިބޭ ފަރާތަށް ހައިކޯޓަށް އައު އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މިފަދަ އަމުރެއް ނެރޭވޭނީ ޓެރަރިޒަމްގެ ކުށް އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ގޮތުގައި ސިއްރު މަޢުލޫމާތު ހާމަކުރުމާއި ރަޔަޓްކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޢުދުވާނީ ހަރަކާތްތަކާއި ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤުލާލަށް ގެއްލުންދޭފަދަ ޢަމަލުތަކާއި އަދި އެ ނޫންވެސް ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ޢަމަލެއް އެކުލެވޭ ކުށްކުށާ ގުޅިގެންނެވެ.
މިފަދަ އަމުރެއް ނެރޭއިރު، ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ތެރޭގައި ނޫސްވެރިޔާގެ މަސްދަރު އަންގައިދޭނެ މަޢުލޫމާތު ހާމަކުރުން ފިޔަވައި އެ ނޫންވެސް އެޅެންހުރި އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިވާކަމާއި ނޫސްވެރިޔާ ނުވަތަ އޭނާ ނޫސްވެރިކަމުގެ ވަޒީފާއަދާކުރާ ތަން މެދުވެރިނުކޮށް ނޫސްވެރިޔާގެ މަސްދަރު ދެނެގަތުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތެއް އެކަށީގެންވާ މިންވަރަށް ކޮށްގެންވެސް އެ މަސްދަރު ދެނެގަނެވިފައިނުވާކަން ކަށަވަރުކުރުން ހިމެނެއެވެ.
އައު އިސްލާހުގައިވާ ގޮތުން ނޫސްވެރިޔާގެ މަސްދަރު އަންގައިދޭނެ މަޢުލޫމާތު ހާމަނުކުރުމަށް އޮތް ޢާންމު މަސްލަހަތަށްވުރެ ކުށް ރައްދުވާ މީހާގެ މައްޗަށް ދަޢުވާ އުފުލުމަށް އެ މަޢުލޫމާތު ހަމާކުރުމަށް އޮތް ޢާންމު މަސްލަހަތު ބޮޑުވާ މިންވަރަށް ކޯޓު އަމުރު ނެރޭއިރު ރިޢާޔަތްކުރަންޖެހޭނެއެވެ. އަދި ހަމައެގޮތަށް ނޫސްވެރިޔާގެ މަސްދަރު އަންގައިދޭނެ މަޢުލޫމާތު ހާމަނުކުރުމަށް އޮތް ޢާންމު މަސްލަހަތު ބޮޑުވާ މިންވަރަށްވެސް ރިޢާޔަތްކުރަންޖެހޭނެއެވެ. ނޫސްވެރިޔާގެ މަސްދަރު އަންގައިދޭނެ މަޢުލޫމާތު ހާމަނުކުރުމަށް އޮތް ޢާންމު މަސްލަހަތު ކަނޑައެޅޭނެ ގޮތްތައް މިހާރު އެހައި ތަފުސީލުކޮށް ހެއްކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް މި ބިލުގައި އެކަންކަން ވަނީ ބަޔާންކޮށްފައެވެ.
• ނޫސްވެރިޔާއަށް މަޢުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަަކަށް ލިބިދާނެ ގެއްލުން ނުވަތަ އެއިން ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރު
• ނޫސްވެރިންނާއި އެ ފަރާތްތަކަށް މަޢުލޫމާތު ދޭ މީހުންގެ ގުޅުމަށް ލިބިދާނެ ގެއްލުމާއި ކުރިއަށް އޮތް ތަނުގައި ނޫސްވެރިންނަށް މަޢުލޫމާތުދޭ މީހުން ފޯރުކޮށްދޭ މަޢުލޫމާތަށް ވާޞިލުވުމުގެ ޤާބިލުކަން ނޫސްވެރިންގެ ކިބައިގައި ދެމެހެއްޓުމުގެ ޢާންމު މަސްލަހަތަށް އުނިކަން އަތުވެދާނެ މިންވަރު
އިސްލާހުގައިވާ ގޮތުން ހައިކޯޓުން ނިންމާ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށައެޅޭނީ ހައިކޯޓުން އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން ގިނަވެގެން 10 ދުވަހުގެ ތެރޭގައެވެ. މި ބިލަށް ޢަމަލުކުރަން ފަށާނީ ބިލު ފާސްވެ، ރައީސް ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.