ޚަބަރު

ކާށިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި


  • ކާށިދޫ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ

  • މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސް ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ކ. ކާށިދޫގައި ސަރުކާރުން ގާއިމުކުރައްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކުރައްވައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު މުންތަޡިމް އިބްރާހީމް އަދި އެ ރަށު ކައުންސިލްގެ ރައީސެވެ.

ކާށިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކޮށް ނިމޭއިރު އިންޑޯ ޖިމަކާއި، އެރޮބިކްސް އާއި، އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.

މިއީ ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައުތަކެއް ބިނާކުރުމަށް ކޮންމެ ރަށެއްގައިވެސް ސަރުކާރުން ގާއިމުކުރުމަށް ނިންމާފައިވާ ކުޅިވަރުގެ މުހިންމު ވަސީލަތެކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ނިންމައި، ރައްޔިތުންނަށް ބޭނުންކުރެވޭގޮތް ހެދުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.