ތަޢުލީމު

ރާއްޖޭގެ އާބާދީގެ %31.4 މީހުން އަންނަނީ ތަޢުލީމު ޙާޞިލްކުރަމުން!


ދިވެހިރާއްޖޭގެ ޖުމްލަ އާބާދީއަކީ 344،023 (ތިންސަތޭކަސާޅީސް ހަތަރުހާސް ތޭވީސް) މީހުންނެވެ. ތަޢުލީމު ޙާޞިލްކުރާ އާބާދީ، ތަޢުލީމު ޙާޞިލްކުރާގޮތަށް ބަލާލާއިރު، ސްކޫލްގައި %82 ތަޢުލީމު ޙާޞިލްކުރަމުންދާއިރު، އެހެނިހެން ތަޢުލީމުދޭ ތަންތަނުގައި %16 މީހުން ތަޢުލީމު ޙާސިލްކުރަމުންދެއެވެ. އަދި އެހެނިހެން ގޮތްގޮތުން %2 ދަނީ ތަޢުލީމު ޙާޞިލްކުރަމުންނެވެ.

އާބާދީގައި ހިމެނޭ 15 އަހަރުން މަތި މީހުންގެ ބޮޑު އިންސައްތައަކީ އެއްވެސް ސެޓްފިކެޓެއް ނެތް މީހުންނެވެ. މިއީ %45އެވެ. އޯލެވެލް ސެޓްފިކެޓް ޙާޞިލްކޮށްފައިވާ %34 ހިމެނޭއިރު، ސެޓްފިކެޓް ލެވެލާއި ޑިޕްލޮމާ ލެވެލްއަށް ނުވަތަ ހަމަސްދުވަހަށްވުރެ ދިގު މުއްދަތުގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވާ %10 ހިމެނެއެވެ. އަދި %5 މީހުންނަކީ ސެޓްފިކެޓް ލެވެލާއި ޑިޕްލޮމާ ނުވަތަ 6 މަހަށްވުރެ ކުރު މުއްދަތުގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވާ މީހުންނެވެ.

ދިވެހިރާއްޖޭގައި އޭލެވެލް ޙާޞިލްކޮށްފައިވާ ނިސްބަތަކީ %3 އެވެ. އަދި ޑިގްރީއާއި އެއަށްވުރެ މަތީ ފެންވަރުގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވާ ނިސްބަތަކީ %0.2އެވެ.

މިތަފާސް ހިސާބުތަކަށް ބަލާއިރު، ސްކޫލަށްދާ ޢުމުރުފުރާގެ ތެރެއިން ސްކޫލަށްނުދާ ކުދިންގެ އިންސައްތައަކީ، 6 އަހަރާއި 12 އަހަރުގެ އާބާދީގެ ތެރެއިން ނިސްބަތުން %0.6އެވެ. އަދި ޢުމުރުފުރާ 13 އަހަރާއި 15 އަހަރާދެމެދުގެ އަބާދީގެ ތެރެއިން ނިސްބަތުން %2 އަކީ ސްކޫލަށް ނުދާ ކުދިންނެވެ.

މިތަފާސްހިސާބުތަކަށް ބަލާއިރު 5 އަހަރުން މަތިން ފެށިގެން ދިވެހިންގެ ތަޢުލީމީ ޙާލަތަށް ބަލާލާއިރު، ކޮންމެވެސްއިރެއްގައި ސްކޫލް ނުވަތަ ތަޢުލީމުދޭ ތަނަކަށް ގޮސްފައިވާ އިންސައްތައަކީ %96 އެވެ. އެއްވެސް އިރެއްގައި ސްކޫލް ނުވަތަ ތަޢުލީމުދޭ ތަނަކަށް ނުދާ މީހުންގެ ގޮތުގައި %4 ހިމެނެއެވެ.

ދިވެހިރާއްޖޭގެ ލިޔަންކިޔަން އެނގޭ ދިވެހިންގެ ނިސްބަތް ނުވަތަ ލިޓްރަސީ ރޭޓަށް ބަލާލާއިރު، ދިވެހި ބަހުން ކިޔަން އެނގޭ އިންސައްތައަކީ %97.7 އެވެ. އަދި އާބާދީގައި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގޭ އިންސައްތައަކީ %75.1 ކަމަށް މިތަފާސްހިސާބުތަކުން ދައްކައެވެ.