މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން އަލިފާން ނިވާ ފުޅި ރީފިލްކޮށްދިނުމުގެ ޚިދުމަތް އެކަމަށް ޚާއްސަ ސެންޓަރަކާއެކު ފަށައިފިއެވެ.
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުން ހުޅުވި މި ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔަރޑް މުޙައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވަޑައިގަތެވެ.
މި ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާ ފުޅި ރީފިލްކުރުމާއި ފުޅިތަކުގެ ހައިޑްރޯސްޓެޓިކް ޕްރެޝަރު ޓެސްޓް ކުރުމާއި ލީކޭޖް އިންސްޕެކްޝަން ހެދުން ހިމެނެއެވެ. މި ސެންޓަރުން ޑްރައި ކެމިކަލް ޕައުޑަރ (ޑީސީޕީ) ކާބޮންޑައިއޮކްސަ އިޑް (ސީއޯޓު)، ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމާއި ސަރވިސް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.
އަލިފާން ނިވާ ފުޅި ރީފިލް ކުރުމުގެ އިތުރުން، މި ސެންޓަރއިން ސަރވިސް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެއެވެ. އެގޮތުން ފުޅިތަކަށް ކުލަ ޖެހުމާއި، ލޭބަލް ކުރުމާއި ޓެގް ކުރުމާއި ސޭފްޓީ ޕިން ހަރުކުރުމާއި މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ފުޅިތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނައްތާލުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެއެވެ. އަދި މީގެ އިތުރުން ސެލްފް ކޮންޓެއިންޑް ބްރީދިންގ އެޕަރޭޓަސް (އެސްސީބީއޭ)ގައި ބޭނުންކުރާ އެއަރ ސިލިންޑަރތައް ރީފިލްނގ ކުރުމާއި ޕްރެޝަރ ޓެސްޓް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ.
އެމްޕީއެލްއިން މި ސެންޓަރގެ މަސައްކަތް ކުރިއަށް ގެންދާނީ ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ.
މިހާތަނަށް އެމްޕީއެލްގެ ބަނދަރުތަކުގައި ބޭނުންކުރަމުންދާ އަލިފާން ނިއްވާ ފުޅިތައް ރީފިލް ކުރުމާއި ސަރވިސް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ އައުޓްސޯސްކޮށްގެނެވެ. އެހެން ނަމަވެސް އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އަމިއްލަ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން މި މަސައްކަތްތައް ކުރަން ފެށުމަކީ ކުންފުނީގެ ޚަރަދުތައް ކުޑަވެގެންދާނެ ކަމެއް ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މި ވަގުތުވެސް އެމްޕީއެލްގެ ބަނދަރުތަކާއި އެހެން އިމާރާތްތަކުގައި ބޭނުންކުރާ 900 އަށްވުރެ ގިނަ އަލިފާން ނިވާ ފުޅި ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްއިން ދަނީ ބަލަހައްޓަމުންނެވެ.
މި ސެންޓަރއިން މި ވަގުތު އެމްޕީއެލްއިން ބަލަހައްޓާ އަލިފާން ނިވާ އާލަތްތަކަށް ޚިދުމަތް ފޯރުކޮށްދިން ނަމަވެސް މި ސެންޓަރގެ ޚިދުމަތް އިތުރަށް ފުޅާކޮށް ކުރިއަށް އޮތް ތަނުގައި ވިޔަފާރި އުސޫލުން މި ޚިދުމަތް ފޯރުކޮށްދޭން ފެށުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ. އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ޤާބިލްކަން އިތުރުކުރުމާއި ފެންވަރު ދެމެހެއްޓުމަކީ ކުންފުނިން ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން، ސަލާމަތާއި ރައްކާތެރިކަމުގެ އެކި ދާއިރާތަކުން ހެލްތު އެންޑް ސޭފްޓީގެ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ދަނީ ފަހިކޮށްދެމުންނެވެ.
އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގައި މި ވަގުތުވެސް އަލިފާން ނިއްވުމުގެ ތަމްރީނު ލިބިފައިވާ ޤާބިލް މުވައްޒަފުންތަކެއް އެބަތިއްބެވެ. މި މުވައްޒަފުން ބޭނުންކޮށްގެން އެމްޕީއެލްއިން އަލިފާން ނިއްވުމުގެ ތަމްރީނުތައް ކުންފުނީ މުވައްޒަފުންނަށް އަދި އަމިއްލަ ފަރާތްތަކަށްވެސް މިހާރު ކުރިއަށް ގެންދެއެވެ.