ކުޅިވަރު

ބާސެލޯނާއާ ދެކޮޅަށް އެމްބާޕޭ ތަފާތު ދައްކަންޖެހޭ: އަލޮންސޯ


ސްޕޭނުގެ ފަދަ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ މިރޭ ބައްދަލުކުރާ މެޗަކީ ރެއާލްގެ ފޯވަޑް ކީލިއަން އެމްބާޕޭ ތަފާތު ދައްކަންޖެހޭ މެޗު ކަމަށް ކޯޗު ޒަވީ އަލޮންސޯ ބުނެފި އެވެ.

އޭނާ ބުނީ މިހާތަނަށް އެމްބާޕޭގެ ފަރާތުން ފެނިފައިވާ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"އޭނާ މި ސީޒަނުގައި ވަރަށް ރަނގަޅު. އެކަމަކު އަހަރެން ދެކޭ ގޮތުގައި މިއީ އެމްބާޕޭ ތަފާތު ދައްކަންވީ ވަގުތު. މި މެޗުގައި އޭނާގެ މުހިންމުކަން ދައްކައިދޭންޖެހޭ. މި މެޗުގައި އޭނާގެ ނުރައްކާތެރިކަން ބޮޑު ކުރަން ޖެހޭ. އަހަރެންނަށް ޔަގީން އޭނާ ވެސް މިކަން ހުންނާނީ ތައްޔާރަށްކަން،" އަލޮންސޯ ބުންޏެވެ.

ކުރިން ރެއާލް އަށް ކުޅުނު އަލޮންސޯ ބުނީ ދެ ޓީމުގެ ފޯމަށް ބަލާއިރު އެލް ކްލެސިކޯ މެޗަށް ނުކުންނައިރު ރެއާލް ކޮޅަށް ބުރަވެވިދާނެ ކަމަށެވެ.

"އަހަރުމެން ނަތީޖާ ތަކަށް ބަލާއިރު ރަނގަޅަށް ފެންނަނީ. އެކަމަކު މި މެޗަކީ ހާއްސަ މެޗެއް. އަހަރެން ބޭނުންވަނީ މޮޅުވުމުގެ އިތުރަށް ސަޕޯޓަރުންނަށް ވެސް ރަނގަޅު އުފާވެރި ވަގުތުކޮޅެއް ހޯދައިދޭން،" އަލޮންސޯ ބުންޏެވެ.

ހުސްވި ސީޒަނުގައި ރެއާލް ވަނީ ބާސެލޯނާ އަތުން ހުރިހާ މެޗަކުން ބަލިވެފަ އެވެ. ނަމަވެސް މިދިޔަ ސީޒަނަށް ފަހު ޓީމާ ހަވާލުވި ކޯޗު އަލޮންސޯ ބުނީ ރެއާލްގެ މިހާރުގެ ފެންވަރު ތަފާތުވެއްޖެ ކަމަށާއި މެޗު ކާމިޔާބު ކުރެވޭނެ ހުރިހާ ވިސްނުމެއް ޓީމުގައި އެބަހުރި ކަމަށެވެ.

"އެލް ކެލްސިކޯ އަކީ އަބަދުވެސް ތަފާތު މެޗެއް. އަހަރެން ގަބޫލ ކުރަނީ މިއީ ވަރަށް ފޯރިގަދަ އަދި ދެ ފަރާތުން ވެސް ވާން ކުރާނެ މެޗަކަށް ވާނެ ކަމަށް. އަހަރުމެންގެ ގޭމް ޕްލޭނެއް އެބައޮތް. ކޮންމެ ވަގުތެއްގައިތޯ އަހަރުމެން ކުރިއަށް ޖެހެންވީ. އެކަން ނުކުރަންވީ އެންމެނަށް ވެސް އެނގޭނެ. އަހަރުމެން ހަމައެކަނި މޮޅުވާން ޖެހޭނީ ބޯޅައާއެކުގައެއްނޫން. ބޯޅަ ނެތި ވެސް އަހަރުމެން ދަނޑުމަތީގައި ރަނގަޅަށް ކުޅެން ޖެހޭނެ. އަހަރުމެން ކުރަންވީ ނުކުރަންވީ ކަންކަން އެނގިގެން މި މެޗުން މޮޅުވާނީ،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ މީގެ ދެ ހަފުތާ ކުރިން ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑް އަތުން ރެއާލް ބަލިވެފައި ވުމަކީ ބޮޑެތި ޓީމުތަކާ ދެކޮޅަށް އިތުރަށް ސަމާލުވާން ޖެހޭނެ ސަބަބެއް ކަމަށެވެ.