ޚަބަރު

މާލެ ޓެކްސީ: ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް މުހިންމު ފިޔަވަޅެއް


  • މާލޭ ޓެކްސީގެ ޚިދުމަތް ފަށާނީ އަންނަ މަހުގެ 2ވަނަ ދުވަހު

  • ޓެކްސީ ލައިންގައި ބޭނުންކުރާ ބައެއް ކާރުތައް ވަނީ ގެނެސްފައި

މާލޭގައި ޓެކްސީ ހޯދަން ދަތިވުމާއި ގުޅިގެން އާންމު ފަރާތްތަކުން ދަނީ ބޮޑު ތަކުލީފުތަކެއް އުފުލަމުންނެވެ. ޚާއްސަކޮށް ފުރަ މާލޭގެ އެތެރޭގައި އެއްތަނުން އަނެއް ތަނަށް ދިއުމަށް ޓެކްސީ ނުލިބޭކަމުގެ ކަންބޮޑުވުންތަކާއެކު، މިކަމުގެ ކަންބޮޑުވުން އެތައް ފަރާތަކުން ދަނީ ފާޅުކުރަމުންނެވެ.

ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ލުޔެއް ގެނައުމަށް ސަރުކާރުން ޓެކްސީލައިނެއް ތަޢާރަފުކުރަން ނިންމީ، ރައްޔިތުންނަށް ކުރިޔަށްވުރެ ބޮޑަށް ޓެކްސީ ހޯދަން ފަސޭހަކޮށްދިނުމާއެކު، ޓެކްސީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށެވެ. މިކަމަށްޓަކައި ވާންޖެހޭ ފަހުގެ ތައްޔާރީތައް މިވަގުތު ކުރިއަށްދާއިރު، މާލޭ ޓެކްސީގެ ނަމުގައި ފޯރުކޮށްދޭ މި ޚިދުމަތް އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ޚިދުމަތް ފެށުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލެ ޓެކްސީއަކީ ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ.

ވަޒީރު ވިދާޅުވީ ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދޭ މާލޭ ޓެކްސީގެ ޚިދުމަތަކީ ބަރޯސާވެވޭ، އިތުބާރާއި ޔަގީންކަން އޮންނަ ޚިދުމަތަކަށް ވެގެންދާނެކަމަށެވެ.

ސަރުކާރުގެ ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.

ސަރުކާރުން ތަޢާރަފް ކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ކާރުތައް މާލެ ގެންނަން ފަށައިފިއެވެ. އެގޮތުން ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ 60 ކާރު މިހާރު ވަނީ މާލެ ގެނެސްފައެވެ. ޓެކްސީ ލައިނަށް ބޭނުންވާ 150 ކާރުގެ ތެރެއިން ދެވަނަ ޝިޕްމަންޓްގައި ހިމެނޭ 90 ކާރު މިމަހުގެ 29 ވަނަ ދުވަހު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

"މާލެ ޓެކްސީ" ލައިންއަށް ޚާއްސަ ހޮޓްލައިނެއްގެ ގޮތުގައި 1655 ވަނީ ކަނޑައަޅާފައެވެ. މިއީ ޓެކްސީ ލައިނާ ގުޅޭ މައުލޫމާތުތައް ދިނުމަށް ޚާއްސަކޮށްފައިވާ ހޮޓްލައިނެވެ. ޕްރައިވެޓް އެހެން ޓެކްސީ އެޕްތަކެކޭ އެއްފަދައިން، ސަރުކާރުންވެސް މި ޚިދުމަތް ދޭން ނިންމާފައި ވަނީ އެޕްލިކޭޝަންއެއް މެދުވެރިކޮށެވެ.

ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ، %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ގެންނަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ.

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، މުޅި ޚިދުމަތަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.