ކުޅިވަރު

ރެއާލްއާ ދެކޮޅަށް ކުޅެން ޖެހުނުއިރު ބާސެލޯނާގެ ހާލަތު ގޯސް!


ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ކުޅެން ނުކުންނާނެ ބާސެލޯނާގެ ކުޅުންތެރިން ޔަގީންވާނީ އެންމެ ފަހު ވަގުތު ކަމަށް އެ ޓީމުން ބުނެފި އެވެ.

މި މެޗަށް ހެޑް ކޯޗު ހަންސީ ފްލިކް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭނާގެ ބަދަލުގައި މިރޭގެ މެޗުގައި ކުޅުންތެރިންނަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު މާކަސް ސޯގް އެވެ. މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސޯގް ބުނީ ޓީމު ރާވާނީ ފްލިކް ކަމަށާއި އަނިޔާގެ މައްސަލަތައް ގިނަކަމުން ޓީމުގައި ހިމަނާނެ ކުޅުންތެރިން އެނގޭނީ ފަހު ވަގުތުގައި ކަމަށެވެ.

ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި މެޗުގައި ބްރެޒިލްގެ ރަފީނިއާ ނުކުޅޭނެ އެވެ. އެކަމާ ބެހޭ ގޮތުން ސޯގް ބުނީ "ކޮންމެ ޓީމަކުން ވެސް ރަފީނިއާ ނެތުމުގެ އިހުސާސް ކުރާނެ،" ކަމަށެވެ.

ނަމަވެސް ފޯވަޑް ފެރަން ޓޮރޭޒަށް ކުޅެވޭނެކަން ނިންމާނީ ފަހު ވަގުތު އެވެ. އޭނާ އަށް ވެސް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް ހާލަތު ރަނގަޅުވެ ޑިފެންޑަރު ހޫލްސް ކޫންޑޭ ވަނީ ޓީމާއެކު ފަރިތަކޮށްފަ އެވެ.

މެޗުގައި ނުކުޅޭނެ ކުޅުންތެރިންގެ ތެރޭގައި ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އާއި ގަވީ އަދި ކީޕަރު ޖޯން ގާސިއާ ހިމެނެ އެވެ. މި ހުރިހާ ކުޅުންތެރިންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. މީގެ އިތުރުން މިޑްފީލްޑަރު ޑެނީ އޮލްމޯ އާއި ފްރޭންކީ ޑިޔޮންގާއި ލަމީން ޔަމާލް ވެސް 100 ޕަސެންޓް ފިޓެއް ނޫނެވެ.

މިމައްސަލަތަކާ ބެހެ ގޮތުން ސޯގް ބުނީ ކުޅުންތެރިންގެ ހާލަތު ހުރި ގޮތުން ބާސެލޯނާގެ އެންމެ ފުރިހަމަ 11 ނެރެން ދަތިވާނެ ކަމަށާއި ހުސްވި ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން ރެއާލް ބަލި ކުރި ނަމަވެސް ކޮންމެ ފަހަރަކު އެކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

މި މެޗަށް ނުކުންނައިރު ރެއާލް އޮތީ 24 ޕޮއިންޓާއެކު ސްޕެނިޝް ލީގުގެ ޓޭބަލުގެ އެއްވަނާގަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ 22 ޕޮއިންޓާއެކު ދެ ވަނާގަ އެވެ.