ޚަބަރު

ކާވާ މެންސް ކަޕް: ރާއްޖެ ބަލިކޮށް ނޭޕާލަށް ފުރަތަމަ މޮޅު


  • ރާއްޖެ އަތުން ނޭޕާލް މޮޅުވީ 25-21، 25-23 އަދި 25-18 އިން

  • މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައި

ބަނގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކަޕް 2025ގައި ރާއްޖޭގެ ޤައުމީ ފިރިހެން ވޮލީބޯޅަ ޓީމު ބަލިކޮށް، ނޭޕާލުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މަހުގެ 22 އިން 28 ހަށް، ބަނގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ މި، މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ނޭޕާލް މޮޅުވީ ރާއްޖެ އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-21، 25-23 އަދި 25-18 އިންނެވެ.

މި މެޗުގެ ކުރިން މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެގޮތުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ބަންގްލަދޭޝްއިން ގެންދިޔައީ 25-21، 25-13 އަދި 25-21 އިންނެވެ. އަދި ދެވަނަ މެޗުގައި އަފްޣާނިސްތާން އަތުންވެސް ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އަފްޣާނިސްތާނުން ގެންދިޔައީ 25-17، 25-20 އަދި 25-12 އިންނެވެ.

މި މުބާރާތުގައި ޖުމްލަ ހަ ޓީމް ވާދަކުރެއެވެ. ލީގު ބުރުގެ ހަތަރުވަނަ މެޗުގައި މާދަމާ ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރަށްފަހު، ފައިނަލަށް ދަތުރުކުރާނީ އެއްވަނަ އާއި ދެވަނަ ހޯދާ ދެ ޓީމުންނެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ހޯދާ ދެ ޓީމުން ލޯ މެޑެލް މެޗުގައި ވާދަކުރާއިރު، ފަސްވަނަ އާއި ހަވަނައިގައި ނިންމާ ދެ ޓީމުން ކުޅޭނީ ރޭންކިން މެޗެކެވެ.