ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ފޯރިގަދަ ފުޓުބޯޅައިގެ ޚާއްސަ ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ބޭއްވި މި ފެސްޓިވަލްގައި ފީފާގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންނެވި ޚާއްސަ ފުޓުބޯޅަ މެޗެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި، ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންވެސް ވަނީ މި މެޗުގައި ބައިވެރިވެވަޑައިގެންފައެވެ.
އަދި އިޓަލީއާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެ ގައުމުގެ ތަރި މާކޯ މަޓެރާޒީ އާއި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންވެސް ވަނީ މި މެޗުގައި ބައިވެރިވެފައެވެ.
މިއީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ޒިޔާރަތުގެ ތެރެއިން ރައީސްއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓުބޯޅައިގެ ދާއިރާ ތަރައްގީކުރެއްވުމާ ގުޅޭ މުހިންމު ދާއިރާތަކުން ވަނީ މަޝްވަރާކުރައްވާފައެވެ.