ޚަބަރު

އޭޝިއަން ޔޫތު ގޭމްސް: ހޭންޑްބޯޅަ ޓީމުގެ 3ވަނަ މެޗުގައި ޖޯޑަންއާއި ގާތްކޮށް ފަރަގު ކުޑަކޮށްފި


ބަޙްރައިންގައި މިހާރު ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ޒުވާން ހޭންޑްބޯޅަ ޓީމު ކުޅުނު ތިން ވަނަ މެޗުގައި ޖޯޑަން ކައިރީގައި ރަނގަޅު ވާދައެއްކޮށް ފަރަގު ކުޑަކޮށްފިއެވެ.

މިމެޗުން ޖޯޑަން ކުރި ހޯދީ 22 ގޯލުގެ ތަފާތުންނެވެ. އެއީ 42 - 20 ގެ ސްކޯއިންނެވެ. މިމެޗުގައި ދިވެހި ޓީމުން ވަނީ ވަރަށް ބޮޑުތަނުން ކުޅުން ރަނގަޅުކޮށް ގިނަ އެޓޭކްތަކެއްވެސް ކޮށްފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 14 - 24ގެ ސްކޯއަކުންނެވެ.

މިމެޗުގައި ރާއްޖެ ޓީމުން ކާމިޔާބުކުރި 20 ލަނޑުގެ ތެރެއިން ދިހަ ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން ލަހުފާން ޝަހީމްއެވެ.

މެޗަށްފަހު ޓީމުގެ ކުޅުންތެރިއެއް ކަމުގައިވާ އިޔާން އަހުމަދު ބުނީ މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އަންނަ ކަމަށާއި މިހާރު ޓީމު ތެރަސް ލައިގެން ކުޅެން ހޭނެމުންދާކަމަށެވެ.

އިޔާން ބުނީ މިއީ ހުރިހާ ކުޅުންތެރިންވެސް މުޅިން އަލަށް ތެރަސް ލައިގެން ކުޅޭ ފަހަރެއް ކަމަށާއި މާލޭގައި ފަރިތަކުރީވެސް ތެރަސް ނުލާ ކަމަށެވެ. އެހެންކަމުން ފުރަތަމަ މެޗު ތަކުގައި އޭގެ އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި އެހެންނަމަވެސް މިހާރު މަޑު މަޑުން އެކަމަށް މުޅި ޓީމުވެސް ހޭނެމުންދާކަމަށެވެ. އަދި މިހާރު ޓީމުގެ ޓާގެޓަކީ ކުރިއަށް އޮތް ހިންގކޮންގ މެޗު ކާމިޔާބުކުރުން ކަމަށްވެސް އިޔާން ބުންޏެވެ.

ހޭންޑް ބޯޅަ ޓީމަށް ދެން އޮންނާނީ ހޮންގްކޮންގާއި ދެކޮޅަށް ކުޅޭ މެޗެވެ. އެމެޗު އޮންނާނީ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން އިރުއޮއްސި 7:00 ޖަހާއިރުއެވެ.