ޚަބަރު

ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައި، ވަޢުދު ފުއްދަވައިފި


  • ރަސްގެތީމުގައި ފުލުހުންގެ ޚިދުމަތް ފެށުމާއެކު މީހުންދިރިއުޅޭ ހުރިހާރަށެއްގައި ފުލުހުން ތިބޭނެ

  • ވައުދު ފުއްދެވީ އަމާޒުކުރި ތާރީޚުގެ 2 މަސް ކުރިން

  • ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުވެވަޑައިގެންނެވި ގޮތަށް ރާޢްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބެ ފުލުހުން ޚިިދުމަތް ދޭން ފަށައިފިއެވެ.

ހުރިހާ ރަށެއްގައި ފުލުހުން ތިބެގެން ޚިދުމަތް ދޭން ފެށިކަން އިޢުލާންކުރެއްވީ ހައްދުންމަތީ ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.


ފުލުހުންގެ ޚިދުމަތްތަކާ އަސާސީ ޚިދުމަތެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތްކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތަށް ބޭނުން ޖެހޭ ހާލަތްތައްކަުގައި އެރަައްތަކަށް ފުލުހުންގެ ޓީމްތައް ފޯނުވަންޖެހީ ކައިރި ރަށްރަށުންކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިއަހަރު ނިމުމުގެ ކުރިން ފުލުހުން ރަށްރަށުގައި ޤާއިމްވެ ތިބެ އެ ޚިދުމަށް ހުރިހާ ރަށެއްގައި ފޯރުކޮށްދިނުމަށެވެ. އަދި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް މިއހަރުގެ ތެރޭގައި ފެށުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ފުލުހުން ރަށްރަށުގައި ޤާއިމްވެ ތިބެ އެ ޚިދުމަށް ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.

"މިއަދު ހަވާރިު 5:15 އިން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބޭ ފުލުހުންގެ ޚިދުމަތް ވަނީ ޤާއިމްކޮށް ނިންްމާފައި.5:15 ގައި ރ. އަތޮޅު ރަސްގެތީމްގައި ފުލުހުންގެ ޚިދުމަތް ޤާއިމް މިކުރީ. ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމް މިކުރީ ރިޔާސީ ބަޔާނުގައި މިއަހަރުގެ ފެބްރުއާރީމަހުގައި އަޅުގަނޑު އިޢުލާން ކުރީ މިއަހަރު ނިންމެންވާއިރަށް އެކަން ކުރާނެކަމަށް. އޭގެ ގާގްގަޑަކަށް 2 މަސް ކުރިން އެކަން ކޮށް މި ނިންމީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ފުލުހުންގެ އަމިއްލަ އަިމާރާތެއްގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 ރަށުގައިކަމަށެވެ. ދެން ހުރި ރަށްތަކުގައި ޚިދުމަތް ފޯރުކޮށްދެމުން ދަނީ ކައުންސިލުން ފޯރުކޯށްދޭ އިމާރާތްތައް ނުވަތަ ކުއްޔައް އިމާރާތްތައް ނަގައިގެންކަމަށެވެ. އޭގެ ސަބަބުން ޚިދުމަތް ދިނުމަށް އެތަކެއް ދަތިތަކެއް ދިމޭވެ ރައްޔިތުންނަށް އެތަކެއް ނިކަމެތިކަމެއް ލިބޭކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 63 ރަަށެއްގައި އެކަމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި 36 ރަށެއްގައި މަސައްކަތް ފެށުމަށް ތައްޔާރުފައިވާކަމަށާއި ޖުމުލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ރައީސް ވިދާޅުވީ މިމަހުގެ ތެރޭގައި އިތުރު 39 ރަށުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް އެކި ފަރާތްތަކާ ހަވާލުކުރުމަށް ނިންމާފައިވާކަމަށެވެ. މިއާއެކު 138 ރަށުގައި ފުލުހުންގެ އިމާރާތްތައް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ . އަދި މި ދައުރު ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އިމާރާތުން ޚިދުމަތް ދިނުމަކީ އަމާޒެއްކަމަށާއި އެކަން ހާސިލްކުރާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.