ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން ހަކަތަ އުފެއްދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، އެކަމަށް ކުރަންޖެހޭ މަސައްކަތް އިތުރުވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ. މި ގޮންޖެހުމާއެކުވެސް ރާއްޖެއިން ދަނީ ހަކަތައިގެ ދާއިރާއިން ކުރިއެރުންތައް ހާސިލުކުރަމުންނެވެ.
އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ޚާއްޞަކޮށް ސޯލަރ ޕަވަރ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިންވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ 5 އަހަރު ދުވަހުގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ޤާއިމުކޮށްފައިވަނީ 53 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައެވެ. ނަމަވެސް ސަރުކާރަށް 1 އަހަރު ވީއިރު، މިހާރު އެއަދަދުވަނީ 70 މެގަވޮޓަށް އިތުރުކޮށްފައެވެ.
ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައިއަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި، ދުވާލު ގަޑީގައި ބޭނުންކުރާ ހަކަތައިގެ އެންމެ މަތީ މިންވަރަށް ކަރަންޓު އުފެއްދޭވަރަށް މިހާރުވެސްވަނީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޖަހާފައެވެ. އަވިން ހަކަތަ އުފައްދާ ނިޒާމުތަކުގެ އިތުރުން، ވަޔާއި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ހަކަތަ އުފެއްދޭތޯ ބެލުމުގެ ތަޙުލީލުތަށްވެސް ރާއްޖޭގައި އަންނަނީ ކުރަމުންނެވެ.
އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިން ހަކަތަ އުފެއްދުމުގެ ނިޒާމެއް ޤާއިމުކޮށް ކާށިދޫގެ ފެނުގެ ނިޒާމު ހިންގަން ވަނީ ފަށާފައެވެ.
ބަދަލުވަމުންދާ ދުނިޔޭގެ އިޤްތިޞާދީ ޙާލަތާއެކު ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހެއެވެ. އެކަމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީގައި ކުނިން ހަކަތަ އުފައްދާ ނިޒާމު ވަނީ ޤާއިމްކޮށްފައެވެ. އަދި ތިލަފުށީގައި އެ ނިޒާމް ޤާއިމްކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
ދަތުރުފަތުރުގެ ނިޒާމަކީވެސް އިއާދަކުރަނިވި ހަަކަތައިން އޮޕަރޭޓްކުރާ ނިޒާމަކަށް ހެދުމަށް މަސައްކަތްކުރަމުންދާއިރު، މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ ހަކަތައިގެ 35 އިންސައްތައަކީވެސް އިއާދަކުރަނިވި ހަަކަތައަށް ބަދަލުކުރުމަށްވެސް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މީގެއިތުރުން ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި އަވިން ހަކަތަ އުފައްދާ 100 މެގަވޮޓުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ފެށުމަކީވެސް ހަކަތައިގެ ދާއިރާއިން ކުރަމުންދާ މުހިންމު މަސައްކަތްތަކެވެ. މި މަޝްރޫޢުގައި ތަރައްޤީކުރަނީ 100 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޯލްޓައިކް(ޕީވީ) ނިޒާމެކެވެ އެއީ މޫދުގައި ނުވަތަ ކަނޑުގެ ސަތަހައިގައި، ފެނުންމަތީގައި ބަހަޓާ އަވިން ހަކަތަ އުފައްދާ ނިޒާމެކެވެ. މި މަޝްރޫޢުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ބެހެއްޓުމާއި ބެޓެރި ސިސްޓަމް އަދި މި ނިޒާމު ރަށްރަށާ ގުޅާލުމަށް ބޭނުންވާ އިންޓަކަނެޝަން ވިއުގަ ޤާއިމުކުރާނެއެވެ.
ތިމާވެށީގެ ތަރައްޤީގެ މަސައްކަތްތަކުގައި ރާއްޖޭގެ ތަޖުރިބާ ވަކިވަކި ޤައުމުތަކާއި، އަދި ބައިނަލްއަޤްވާމީ މައިދާނުގައިވެސް އަންނަނީ ހިއްސާކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައިވެސް ވަނީ، އިއާދަކުރަނިވި ހަކަތަ ޤާއިމުކުރުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ކުދި ޖަޒީރާ ޤައުމުތަކާ ހިއްސާކޮށްފައެވެ.