ހައްދުންމަތީ މާމެންދޫ މަގުތައް ޒަމާނީ ފެންވަރަަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އާރުޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމެންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ. އެއްވެސް ރަށެއްގެ މަގުތަކުގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް މަޖުބޫރު ނުކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އޭގެބަދަލުގައި ލޯކަލް ޓުއަރިޒަމް ހިންގަމުންދާ ރަށްތަކުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ވެހިކަލްތަކާއި މަގު މަރާމާތުކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ބައެއް ކައުންސިލްތަކުން ހުށަހަޅުއްވާކަމަށް ސަރުކާރުން ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދީގެން ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.