މެންޗެސްޓަރ ޔުނައިޓެޑްގެ ޕައުލް ޕޮގްބާއަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރަށް ވެދާނެކަމަށާއި، ނަމަވެސް އަމިއްލަ އެވޯޑްތަކެއް ހޯދުމަކީ އުނދަގޫކަމެއްކަމަށް ކޯޗު މޮރީނިއޯ ބުނެފިއެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ ޕްރިމިއަރ ލީގުގެ ކުޅޭ ފުރަތަމަ މެޗަށް ތައްޔާރުވެފައިވާ މިޑްފީލްޑަރާއި ގުޅޭގޮތުން މޮރީނިއޯ ބުނީ ފްރާންސްގެ މިޑްފީލްޑަރަށް ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރަށް ވެވިދާނެކަމަށް ބުނަން ކެރޭކަމަށެވެ.
" އޭނާއަކީ އެންމެ މޮޅޫ އެއް މިޑްފީލްޑަރ. ފަހަރެއްގައި އަހަންނަށް ބުނެވިދާނެ އެއީ ދުނިޔޭގެ އެންމެ މޮޅޫ މިޑްފީލްޑަރޭވެސް. " މޮރީނިއޯ ބުންޏެވެ.
ނަމަވެސް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދަން ބޭނުންވާނަމަ ގިނަ ގޯލްތަކެއް ޖަހަން ޖެހޭކަމަށް މޮރީނިއޯ ބުންޏެވެ. އެ އެވޯޑަކީ ގޯލްޖަހާ ކުޅުންތެރިންނަށް ލިބޭ އެއްޗެއްކަމަށް އިޝާރާތްކުރަމުން މޮރީނިއޯ ބުނީ އެކަން ކުރަން ބޭނުންނަމަ ގިނަ ގޯލްތަކެއް ޖަހަން ޖެހޭކަމަށެވެ.
" ކަލޭމެން ގޯލްޑަން ބޯލް ކީޕަރަކަށް ނުދޭނެ. 2006 ވަނަ އަހަރު ޑިފެންޑަރ ފަބިއޯ ކަނަވާރޯއަށް ދިން. އެއީވެސް އެއަހަރު އޭނާގެ ކެޕްޓަންކަމުގެ ދަށުން އިޓަލީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދީމަ. އަދި އެޓީމްގައި ނެތް މަޝްހޫރު ތަރިންތަކެއްވެސް. ޕައުލޯ މަލްޑިނީއަކަށް އެވޯޑެއް ނުލިބޭ. ހާވިއޭ ޒަނެއްޓީއަކަށް އެވޯޑެއް ނުލިބޭ. ދުނިޔޭގެ ތާރީޚްގައި އުފެދުނު މޮޅު ކީޕަރުންނަށްވެސް ނުލިބޭ. " މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ވަނީ ޕޮގްބާއަށް މެސީއާއި ރޮނަލްޑޯއާ އެއްވަރަށް ލަނޑު ޖެހިދާނެތޯވެސް ސުވާލުކޮށްފައެވެ. އެއާ ވިދިގެން މޮރީނިއޯ ބުނީ މެސީއާ ރޮނަލްޑޯ ޖަހާ ގޯލްގެ 25 އިންސައްތަވެސް ނުޖެހޭނެކަމަށެވެ. ސީޒަނެއްގައި 20 ގޯލްވެސް ޕޮގްބާއަށް ޖެހިދާނެކަމަށް މޮރީނިއޯ ޤަބޫލެއް ނުކުރެއެވެ.
މެސީ ވަނީ 374 ގޯލް ޖަހާފައެވެ. ރޮނަލްޑޯ ވަނީ 364 ގޯލް ޖަހާފައެވެ. ޕޮގްބާއަށް ފާއިތުވި ހަތަރު އަހަރުން ޔުވެންޓަސްގައި ޖެހިފައިވަނީ 34 ގޯލެވެ. 2008 ވަނަ އަހަރުން ފެށިގެން މެސީއާއި ރޮނލްޑޯ ފިޔަވައި އެހެން ކުޅުންތެރިއަކަށް މޮޅު ކުޅުންތެރިޔާގެ އެވޯޑެއް ނުލިބެއެވެ.