ޚަބަރު

ބަކަރި ގެންގުޅޭނެގޮތުގެ ތަމްރީނެއް ކާށިދޫގައި ހިންގަވައިފި


ޒަމާނީ ތަޖުރިބާތަކުގެ އަލީގައި ރައްކާތެރިކަމާއެކު ބަކަރި ގެންގުޅޭނެގޮތުގެ ތަމްރީން ޕްރޮގްރާމެއް ކާށިދޫގައި ހިންގަވައިފިއެވެ. ކާށިދޫ 7 ސްޓަރ ކްލަބާއި ގުޅިވަޑައިގެން ފިޝަރީޒް މިނިސްޓްރީން ހިންގެވި މި ޕްރޮގްރާމް 9 މީހުން ފުރިހަމަކުރިއެވެ.

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމުގެ ވަޢުދު ޙަޤީޤަތަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ބަކަރި ފާމްތައް ހެދުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. މި މަސައްކަތުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހިންގަވާ މި ޕްރޮގްރާމަކީ ޒަމާނީ ތަޖުރިބާތަކުގެ އަލީގައި ރައްކާތެރިކަމާއެކު ބަކަރި ގެންގުޅުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރޭގައި، ރާއްޖޭގައި ދަނޑުބިން އޮތް ރަށްރަށުގައި ޢާންމު ދަނޑުވެރިކަންކުރުމުގެ އިތުރަށް ކުޑަ ބިންކޮޅެއް ބޭނުންކޮށްގެން ކުރެވޭނެ ކަހަލަ ތަފާތު މަސައްކަތްތައް ތާޢާރުފް ކުރައްވަމުން ގެންދެވުން ހިމެނެއެވެ.

ދަނޑުވެރިކަމާބެހޭ މިނިސްޓްރީން ވިދާޅުވީ ބަކަރި ގެންގުޅުމުގެ މަސައްކަތަށް ބޮޑު އިސްކަމެއް ސަރުކާރުން ދެއްވުމަށް ނިންމަވާފައިވަނީ، ރާއްޖެއަށް އެއްގަމު މަހުގެ ބާވްތްތައް އެތެރެކުރަމުންދާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވަމުންދާ ދިޔުން ކުޑަކުރުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން ބަކަރި މަހަކީ ގިނަ ޢަދަދަކަށް ޕްރޮޓީންސް ލިބޭ މަހުގެ ބާވަތަކަށްވެފައި، ކުކުޅުފަދަ ކުދި ޖަނަވާރު ގެންގުޅުމަށްވުރެ ބަކަރި ގެންގުޅުން ފަސޭހަކަމަށްވުމުން ބަކަރިއަށް ޚާއްޞަ ސަމާލުކަމެއް ދެވިފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ކާށިދޫގައި މި ޕްރޮގްރާމް ހިންގެވީ ޢާންމުކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުއްވާލައްވައިގެން، މިކަމަށް އެދި ކުރިމަތިލި ރަށްރަށުގެ ތެރެއިން ކ. ކާށީދޫ 7 ސްޓަރ ކުލަބުން ހުށަހެޅި ޕުރޮޕޯސަލަށް ބެއްލެވުމަށްފަހުގައި ކަމަށެވެ.

ބަކަރި ގެންގުޅުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޕާމަނަންޓް ސެކެރެޓަރީ ޙުސައިން ސިނާން ވިދާޅުވީ މި ޕްރޮގްރާމް ކުރިޔަށް ގެންދަވަނީ ކުޑަ ބިންކޮޅެއްގައި ބޮޑު ނަފާއެއް ލިބޭގޮތަށް ދަނޑުވެރިކަން ތަޢާރަފްކުރެއްވުމަށާއި ރާއްޖެއަށް އެތެރެކުރެވޭ އެއްގަމު މަހުގެ ބާވްތައް މަދުކުރުމަށް ކަމަށެވެ.

"ދިވެހިރާއްޖޭގައި ކާބޯތަކެތި އުފައްދައިގެން އެ އެއްޗެހި މާކެޓަށް ނެރެގެން އެ އެއްޗެހީގެ ބޭނުންކޮށްގެން އިމްޕޯޓް ދަށްކުރުމަށްޓަކައި އެއާ އެއްކޮށް ކުރެވޭ މަސައްކަތުގެ ތެރެއިން ހިންގާ ތަފާތު ޕުރޮގްރާމްތަކުގެ ތެރެއިން ޕުރޮގްރާމެއް. މީ މިޕުރޮގްރާމުގެ ނިމުމެއް ނޫން، މީ އަދި ފެށުމެއް. ޓްރެއިނިންގެ މި ދެނީ އަޞްލު މީހުން އަހުލުވެރިކޮށް މިހާރުގެ ޓެކްނޮލަޖީ ބޭނުންކޮށްގެން ކުޑަ ބިންކޮޅެއް ބޭނުންކޮށްގެން ނަފާ ލިބޭނެ މަސައްކަތް ކުރުން." މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޕާމަނަންޓް ސެކެރެޓަރީ ޙުސައިން ސިނާން ވިދާޅުވިއެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ކުރިޔަށްގެންދަވާ މި މަސައްކަތުގެ ދަށުން ހދ. ނޭކުރެންދޫގައިވެސް ދަނީ ދެމެހެއްޓެނެވި އަދި ޒަމާނީގޮތަށް ބަކަރި ގެންގުޅެ އާލާކުރުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދަވަމުންނެވެ. އެގްރިކަލްޗަރ މިނިސްޓްރީން މި ޕްރޮގްރާމް އިތުރު ރަށްތަކުގައިވެސް ކުރިޔަށް ގެންދެވުމަށް ވަނީ ނިންމަވާފައެވެ.