3 ރަތް ކާޑު ފެނިގެންދިޔަ ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗު މެކްސިކޯ ކާމިޔާބުކޮށްފިއެވެ. ސައުތު އެފްރިކާ އާއި ބައްދަލުކުރި މިމެޗު މެކްސިކޯ ކާމިޔާބުކުރީ 2-0 އިންނެވެ.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުވެސް ބޭއްވުނު މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމަކީ ވޯލްޑް ކަޕްގެ ވަރުގަދަ ތާރީހެއް އޮތް ސްޓޭޑިއަމްއެކެވެ. މިއީ ވޯލްޑް ކަޕްގެ 3 މުބާރާތެއްގެ މެޗެއް ކުޅެވުނު ފުރަތަމަ ސްޓޭޑިއަމްއެވެ. ޕެލޭ އާއި މަރަޑޯނާވެސް ވޯލްޑް ކަޕް ކާމިޔާބުކުރި ދަނޑެކެވެ. ތާރީހީ އެތައް ހަނދާންތަކެއް ހިމެނޭ މި ސްޓޭޑިއަމްގައި މިރޭ މިވަނީ އިތުރު ތާރީހީ މެޗެއް ފެނިގެންގޮސްފައެވެ.
މެޗު ފަށައިގެންވެސް މޮޅަށް ކުޅެމުންދިޔަ މެކްސިކޯއިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ 10 މިނެޓުގެ ތެރޭގައެވެ. ވޯލްޑް ކަޕްގެ ފުރަތަމަ ގޯލު ޖެހުމުގެ ޝަރަފު ހޯދީ މެކްސިކޯގެ ހޫލިއަން ކިނިއޮނޭސްއެވެ. މި ލަނޑަކީ ސައުތު އެފްރިކާގެ ޑިފެންސް ލައިނުން ހެދުނު ގޯހެއްގެ ފައިދާނަގާ މެކްސިކޯއިން ކާމިޔާބުކުރި ލަނޑެކެވެ.
ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް މެކްސިކޯއިން ފުރަތަމަ ހާފްގައި ތަނަވަސްކުރިނަމަވެސް މި ހާފްގައި އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފް ފަށައިގެން 5 މިނެޓުވެސް ނުކުޅެވެނީސް ސައުތު އެފްރިކާގެ ޑިފެންޑަރަކަށް ރަތްކާޑު ދެއްކުމުން މެޗުގައި އެޓީމަށް ކުރަން ޖެހުނު މަސައްކަތް އިތުރުވެގެންދިޔައެވެ.
މިހާފްގައި މެކްސިކޯގފެ 17 އަހަރުގެ ޖިލްބާޓޯ މޯރާ ވަނީ ކުޅެން އަރުވާފައެވެ. އުމުރުން އެންމެ 17 އަހަރާއި 240 ދުވަހުގައި ކުޅެން ނިކުތް މޯރާ އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނެ އެންމެ ހަގު ކުޅުންތެރިއާއެވެ.
މެޗުގައި މެކްސިކޯގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މަޝްހޫރު ފޮވާޑް ރާއުލް ހިމެނޭޒެވެ. ހިމެނޭޒް މިލަނޑު ޖަހައިދިނީ އަލްވަރާޑޯ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.
މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ސައުތު އެފްރިކާގެ އިތުރު ކުޅުންތެރިއަކަށް ސީދާ ރަތް ކާޑެއް ދެއްކުމާއެކު މެޗުން ނަތީޖާއެއް ހޯދުމަށް ކުރަމުންދިޔަ މަސައްކަތަށް އިތުރު ހުރަހެއް އެޅުނެވެ. ސައުތު އެފްރިކާގެ ތެމްބާ ޒްވާންއަށް ރަތް ކާޑު ދެއްކީ މެކްސިކޯގެ އަލްވަރާޑޯއަށް ބޯޅަ ނެތީސް، ދިން ހަމަލާއަކާ ގުޅިގެންނެވެ.
މެޗުގެ ވަގުތުކޮޅުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ބޭރުން ސައުތު އެފްރިކާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން މެކްސިކޯގެ މޮންޓޭޒަށް ވެސް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ.