ޚަބަރު

ބީއޯއެސް ކޮންފަރެންސްގައި ނާއިބް ރައީސް ވާހަކަފުޅު ދައްކަވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު، މިހާރު މެލޭޝިޔާގެ ޕުތްރަޖަޔާ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގަ ކުރިއަށްގެންދާ "ބްލޫ އޯޝަން ސްޓްރެޓެޖީ"ގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ހެނދުނު ވާހަކަފުޅު ދައްކަވައިފިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ކޮންފަރެންސްގައި ބައިވެރިވުމަށް ދަޢުވަތު އެރުވިކަމަށްޓަކައި މެލޭޝިޔާގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ރައްޒާގަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ވާދަވެރި މާހައުލެއްގައި ޤައުމެއް ކުރިއެރުވުމަށްޓަކައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި "ބްލޫ އޯޝަން ސްޓްރެޓަޖީ"ގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، "މުސްތަޤްބަލުގައި ސަރުކާރު: މާދަމާގެ ބޭނުންތަކާއި އުއްމީދުތައް ހާސިލްކުރުން" މި ޝިޢާރަކީ ކުރިއަރަން ބޭނުންވާ ޤައުމުތަކަށް އެންމެ އެކަށީގެންވާ ޝިޢާރުކަމަށް ވިދާޅުވަމުން، މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ، މި ސަރުކާރުގެ މެނިފެސްޓޯ ބިނާވެފައިވާ މުހިންމު ބައިތަކަކީ އިޤްތިޞާދީ ސިޔާސަތުތަކާ، ޒަމާނާ ގުޅޭ ފެންވަރަށް ތަޢުލީމު އުގަންނައިދިނުމާ، މަތީ ފެންވަރުގެ ޞިއްޚީ ޚިދުމަތް ފޯރުކޮށްދިނުމާ، ރާއްޖޭގެ އާބާދީގެ 46 އިން ސައްތަ ކަމަށްވާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުންކަމަށެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވެ، މިހާރު ދިމާވާ ގޮންޖެހުންތަކާއެކު ޤައުމުގެ ތަރައްޤީއަށްޓަކައި ބޭނުންވާ މަޝްރޫޢުތައް ކުރިއަށްގެންދާނެ ގޮތްތަކާ ތަފާތު ސިޔާސަތުތައް ޤާއިމުކުރާނެ ގޮތްތަކާމެދު މަޝްވަރާކުރެވިގެންދާނެއެވެ.