ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސާނަވީ ތަޢުލީމު ނިމުމުން ސިފައިންގެއަށް ވެއްދުމުގެ ޕްރޮގުރާމެއް ކުރިއަށްގެންދިޔައެވެ. އެ ދުވަސްވަރު ޤައުމީ ޚިދުމަތަށް އޮތް ބޮޑު ޑިމާންޑު ކުޑަކުރުމަކީ ރައީސް މަޢުމޫން ކުރިއަށްގެންދެވި އެ ޕްރޮގުރާމްގެ މައިގަނޑު އެއް މަޤުޞަދެވެ. ނަމަވެސް އެ މަޤުޞަދުގެ އިތުރުން މުހިންމު އެހެން ކަމެއްވެސް ޙާސިލުވާން ފެށިއެވެ. މި ޕްރޮގުރާމާއެކު ހޭލުންތެރި، މުރާލި، މަސައްކަތްތެރިންތަކެއް ދިވެހި މުޖުތަމަޢަށް ނެރެވުނެވެ. މިއީ ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރަން ދޮރު ހުޅުވިގެންދިޔަ ޕްރޮގުރާމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ރައީސް މަޢުމޫންގެ ވެރިކަމުގައި މި ޕްރޮގުރާމް ހުއްޓާލި ފަހުން މިފަދަ ޕްރޮގުރާމެއް ކުރިއަށްގެންގޮސްފައެއް ނުވެއެވެ. ނަމަވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެފަދަ ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމެއް ފަށްޓަވާފައެވެ. މިފަހަރު ފަށާފައިވާ ޕްރޮގުރާމްގެ މަޤުޞަދު ވަރަށް ފުޅާއެވެ. އެގޮތުން ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއްގެ ގޮތުގައި ބިނާކުރުމަކީ މި ޕްރޮގުރާމްގެ އެންމެ މުހިންމު އެއް މަޤުޞަދެވެ.
ހަމައެއާއެކު ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމުކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމަކީވެސް މި ޕްރޮގުރާމްގެ މަޤުޞަދެކެވެ. އެހެންކަމުން ޤައުމީ ދިފާޢީ ބާރަށް ކުދިން ރެކްރޫޓުކުރުމުގެ އިތުރަށް ދިވެހި ދަރިންނަކީ ސިފަވަންތަ ތަރުބަވީ ބަޔަކަށް ހެދުމަކީ މި ޕްރޮގުރާމުގެ އެންމެ މައިގަނޑު އެއް މަޤުޞަދެވެ.
މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އެކިއެކި އިޖުތިމާޢީ ބަލިތަކުގެ ޙައްލަކީ ޤައުމީ ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމްކަން ގިނަ ބަޔަކު ފާހަގަކުރައްވައެވެ. އެގޮތުން މަސްތުވާތަކެއްޗާއި ދުންފަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމާއި ވަޒީފާގެ ބާޒާރަށް ޤާބިލު، މުރާލި، ހަރުދަނާ ޒުވާނުން އުފެއްދުމަށް މި ޕްރޮގުރާމް ބޮޑު އެހީތެރިކަމެއް ވެދޭނެކަމާމެދު ޝައްކެއް ނެތެވެ.
ޤައުމީ ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމް ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގައެވެ. މި ޕްރޮގުރާމް އިޢުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ މީހުން ތަމްރީންކުރުމަށް ސްކޫލް ނިމޭ ދަރިވަރުންގެ ތެރެއިން ވަޒީފާއެއް ނުލިބި ނުވަތަ މަތީ ތައުލީމުގެ ފުރުސަތު ނުލިބޭ ކުދިންގެ އަދަދު ދެހާހުން މަތީގައި އުޅޭއިރު، އެފަދަ ކުދިންނަށް އަމާޒުކޮށް ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ފެއްޓެވުމަށް ނިންމަވާފައިވާ ކަމަށެވެ.
"އެހެންނަމަވެސް އެކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބި، މިލިޓަރީ ތަމްރީން ދެވި، ރަނގަޅު ބަޔަކަށް ހެދި ވަޒީފާ ލިބޭ ބަޔަކަށް ހެދިއްޖެނަމަ އެއީ އެކުދިންނަށްވެސް އާއިލާތަކަށްވެސް ޤައުމަށްވެސް ސިފައިންގެ ހިދުމަތަށްވެސް ލިބޭނެ ބޮޑު ކުރިއެރުމަކަށްވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ފެށްޓެވި މި ޕްރޮގުރާމަށް އޮތް ތަރުޙީބު ވެސް ނުހަނު ބޮޑެވެ. ވޭތުވެދިޔަ 1 މަސްދުވަހުގެ ތެރޭގައި މި ޕްރޮގްރާމްގައި ބައިވެރިވުމަށް 1244 ޒުވާނުން ކުރިމަތިލާފައިވެއެވެ. ނަމަވެސް ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި ތަމްރީނު ކުރަނީ 343 ޒުވާނުންނެވެ. އެކުދިން މިހާރު ވަނީ ތަމްރީނަށް މާފިލާފުށްޓަށް ފުރާފައެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމަކީ ބައިވެރިންނަށާއި ބައިވެރިންގެ ޢާއިލާތަކަށްވެސް އުންމީދީ ޕްރޮގުރާމެކެވެ. މިއީ ހަރުދަނާ، ސިފަވަންތަ ބަޔަކަށްވުމަށް ކޮންމެ ދިވެހި ޒުވާނަކަށްވެސް ލިބޭ އަގުހުރި ފުރުޞަތެކެވެ.