ޚަބަރު

މަނަދޫގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި


  • މަސައްކަތް ޙަވާލުކޮށްފައިވަނީ 700ދުވަސްތެރޭ ނިންމުމަށް

  • މިއީ 71،212،387.68 ރުފިޔާގެ މަޝްރޫއެއް

ނ.މަނަދޫގައި އައު ނަރުދަމާ ނިޒާމް ޤާޢިމްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްފިއެވެ.

ނ.މަނަދޫގައި ނަރުދަމާ ނިޒާމް ޤާޢިމްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމެވެ.

މަނަދޫގައި ނަރުދަމާގެ ނިޒާމު ޤާޢިމްކުރުމުގެ މަސައްކަތުގެ ދަށުުން، އެރަށުގައި މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ބަދަލުގައި ކޮންވެންޝަނަލް ގްރެވިޓީ ސިސްޓަމެއް ޤާޢިމުކުރުމާއެކު، ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގް ސްޓޭޝަން ބެހެއްޓުމުގެ އިތުރުން އެރަށުގައި ނަރުދަމާ ޖަންކްޝަން ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން، އައުޓް ފްލޯއެއް އެޅުމާއި، އެއާއ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހަމަޖެހިފަައިވެއެވެ.

މި މަޝްރޫޢު އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 700ދުވަސްތެރޭ މަސައްކަތް ނިންމުމަށެވެ. މި މަޝްރޫޢަށް ސަރުކާރުން 71،212،387.68 ރުފިޔާ ޚަރަދުކުރެއެވެ.

ނ. މަނަދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ޙައްލު ގެނައުމަށް އެރަށުގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވީ، މިއަހަރުގެ ޖުލައި މަހު އެމަނިކުފާނު މަަަނަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، މަނަދޫގެ ނަރުދަމާ ނިޒާމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސް ވަނީ، އެ ދަތިތައް ރައްޔިތުން ތަހަމަލްކުރާތާ 10ވަރަކަށް އަހަރުވެފައިވާއިރު، އެކަމުގެ ހައްލަކީ އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫޢޫއެއް ހިންގުންކަމަށް ވިދާޅުވެފައެވެ.