އައްޑޫސިޓީގެ ތާރީޚާއި ސަގާފަތް ދައްކުވައިދިނުމަށް އާރޓް ގެލެރީއެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ސިޓީގެ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މަރަދޫގައި ހުރި ތާރީހީ "ބޮނޑޮގޭ" އިމާރާތުގައި އެ ކައުންސިލުން ގާއިމުކުރާ އަރޓް ގެލެރީއަށް ބޭނުންވާ ކުރެހުންތައް ފޯރުކޮށްދިނުމަށް، ރާއްޖޭގެ ހުނަރުވެރި ކުރެހުންތެރިންނަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ހުށަހަޅާ ކުރެހުންތަކުގެ މައިގަނޑު ޝިއާރަކަށް ވާންވާނީ "އައްޑޫގެ ތާރީޚާއި ސަގާފަތް އަދި ގަދީމީ މަސައްކަތްތެރިކަމާއި އިގްތިޞާދު" ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ބޮނޑޮގެއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1941 ވަނަ އަހަރު، އައްޑޫގައި ތިބި އިނގިރޭސި ސިފައިންގެ ބޭނުމަށް އިމާރާތްކުރެވުނު ތާރީޚީ ބިނާއެއްކަމަށެވެ.
އައްޑޫ ސިޓީ މޭޔަރ ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި މިފަދަ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓިފައިވާ އެންމެ ފުރިހަމަ ތާރީޚީ އިމާރާތްކަމަށެވެ. އެ އިމާރާތުގައި އަރޓް ގެލެރީއެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ އެންމެހައި ވަސީލަތްތައް މިހާރު ހަމަޖައްސާފައިވާކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ މި އަރޓް ގެލެރީއާއެކު، އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި، އައްޑޫއަށް އަންނަ ފަތުރުވެރިންނާއި އާންމު ފަރާތްތަކަށް އައްޑޫގެ ތާރީޚާއި ސަފާގަތް އަދި އައްޑޫއާއި ގުޅުންހުރި ވާހަކަތައް ކިޔައިދިނުންކަމަށެވެ.
އެގޮތުން އަރޓް ގެލެރީގެ އެންމެހާ ކަންކަން ބަލަހައްޓަމުންދާނީ ސިޓީ ކައުންސިލުންކަމަށާއި އަރޓް ގެލެރީ ހިނގާނީ އެއިން އާމްދަނީއެއްވެސް ލިބޭނެ ގޮތައްކަމަށް މޭޔަރ ވިދާޅުވިއެވެ. އަރޓް ގެލެރީގެ އިތުރުން މިއުޒިއަމްއެއްގެ މަސައްކަތްވެސް ކުރަމުންގެންދާކަމަށް މޭޔަރ އަލީ ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ކައުންސިލުން ވިދާޅުވީ މަސައްކަތް ކުރަނީ އެ މަޝްރޫއުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ކުރެހުންތެރިންގެ އުފެއްދުންތައް ހިމަނައިގެން އެ މަސައްކަތް ފުރިހަމަކުރުމަށް ކަމަށެވެ/.