ދަ ފްރެންޗް ރިޕަބްލިކްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ސިބަސްޓިއާން ލުކޮޣްނިއު އައްޔަންކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ބޮޑުވަޒީރު ލުކޮޣްނިއުއަކީ މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމުގެ ޤާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ޔަޤީންކުރައްވާކަމުގައި ފާހަގަކުރައްވައި، އެމަނިކުފާނުގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވާފައިވެއެވެ. އަދި ދިވެހިރާއްޖެއާއި ފްރާންސާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، ދޭދޭ މަސްލަޙަތު ހިމެނޭ ކަންކަމުގައި އެއްޤައުމުން އަނެއްޤައުމަށް ދެމުންދާ އެއްބާރުލުން، ބޮޑުވަޒީރު ލުކޮޣްނިއުގެ މިދައުރުގައިވެސް ދެމިއޮންނާނެކަން ޔަޤީންކުރައްވާ ކަމުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ފްރާންސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.
ދިވެހިރާއްޖެއިން ފްރާންސްއާއެކު ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 20 މެއި 1969 ގައެވެ.
ފަރަންސޭސިވިލާތަށް އައު ބޮޑުވަޒީރެއް ޢައްޔަނުކޮށްފައި މިވަނީ ފުޅާ ހަރަކާތެއްގެ ދަށުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި މުޒާހަރާތައް ބާއްވަން ފަށާފައި ވަނިކޮށެވެ. ލުކޮޣްނިއުއަކީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރެއްވި ފަސްވަނަ ބޭފުޅެވެ.