ސައުތު އޭޝިޔަން ސުޕަރ ކަޕް ކާމިޔާބު ކުރެވުމަކީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ދިޔުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ސްރީލަންކާ އާއި ރާއްޖެ ވާދަކުރި ދެވަނަ މެޗަށްފަހު ލަންކާގެ ރޭސްކޯސް ދަނޑުގައި ހުންނަވައިގެން ފީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަޒީރު ރާފިއު ވިދާޅުވީ ދުވަސްތަކަކަށް ފަހު މިފެންވަރުގެ މެޗެއް ނުކުޅެ ރާއްޖޭގެ ޓީމު އެކުލަވާލާ ގެނައި ބަދަލާއެކު މުޅި ޓީމުގެ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ޓީމު ތެރޭގައި ގުޅުން ބަދަހިވެގެން ދިޔަވަރު ފެނިގެންދިޔަ ކަމަށެވެ.
ސައުތު އޭޝިޔަން ސުޕަރ ކަޕްގައި ދިވެހި ޓީމުން ހޯދި ކާމިޔާބަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މުބާރާތުގައި ކުޅުނު ދެމެޗުގައި ރާއްޖޭ ކުޅުންތެރިން ދެއްކި ކުޅުމުން ވާދަވެރި މެޗެއް ކުޅެން ގައުމީ ޓީމު ތައްޔާރުވެފަ އޮތް މިންވަރު ހާމަވެގެން ދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ މި ކަޕުގެ ފުރަތަމަ މުބާރާތް، މި މުބާރާތް ދިވެހިރާއްޖެއަށް ކާމިޔާބު ކުރެވުމަކީ ވެސް ވަރަށް ބޮޑު ފަހުރެއް، ކޮންމެ އަހަރަކު ބާއްވާނެ މުބާރާތެއް ކަމަށް އަޅުގަނޑަށް ސްޕޯޓްސް މިނިސްޓްރީން އެނގިފަ އޮތީ، އެހެންވީމަ ރަނގަޅު ފެށުމެއް، ރަނގަޅު ނަތީޖާއަކާ އެއްކޮށް އަޅުގަނޑު މެންނަށް ލިބިގެން މިއައީ." ވަޒީރު ރާފިއު ވިދާޅުވިއެވެ.
ދިވެހި ފުޓްބޯޅައިގެ ޝާމިލުވާ އެންމެންވެސް ފަހުރެވެރި ވާވަރުގެ ނަތީޖާއަކަށް މި ކާމިޔާބީ ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގިނަ ދުވަސްތަކަކަށް ފަހު ސަރަހައްދީ މުބާރާތްތަކުން ތައްޓެއް ނުލިބި އޮތުމަށް ފަހު ރާއްޖެއިން ހޯދި ކާމިޔާބާ އެކު ލިބިގެން ދިޔައީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، މިއީ ލިބިގެންދިޔަ ބޮޑު އުންމީދެއް ކަމަށް ރާފިއު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު އެބައޮތް ކަމަށާއި މި ކާމިޔާބުން ދޭހަވެގެން ދަނީ ރާއްޖެއަށް ކުރިއެރުންތަކެއް ހޯދިދާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ ގައުމީ ޓީމުން ސާބިތުކޮއްދިނީ މަސައްކަތް ކޮއްފި ނަމަ އިތުރު ހަރުފަތަކަށް ރާއްޖޭގެ ފުޓްބޯޅަ ކުރިއަށް ދެވިދާނެކަމަށެވެ. ހުރިހާ ގޮތަކުން ބެލިކަމުގަ ވިޔަސް ހާލަތައް ބަލާނަމަ މިއީ ދިވެހި ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ފުޓްބޯޅައިގެ ކާމިޔާބީތަކަށް ބަލާއިރު، ރާއްޖޭން ވަނީ 2008 އާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އަދި، 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ މުބާރާތް، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން ކާމިޔާބުކުރިއިރު، މި އަހަރު މި ވަނީ މުޅިން އަލަށް ބޭއްވި ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.