ޚަބަރު

މަސްވެރިކަމުގެ ސިނާއަތް އައު ހަރުފަތަކަށް ގެންދިއުމަށް މުހިންމު މަސައްކަތްތަކެއް


  • ވަޒީރު ޝިޔާމް ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ މިމަހުގެ 6ގައި

  • އެކުއަކަލްޗަރ ދާއިރާ ތަރައްޤީކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އައު ހަރުފަތަކަށް ގެންދިއުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެން ދިޔަ ދަތުރުފުޅެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ވަޒީރު ޝިޔާމް ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ މިމަހުގެ 6ވަނަ ދުވަހުއެވެ. އަދި މިއަދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ޗައިނާއަށް ކުރެއްވި ރަސްމިީ ދަތުރުފުޅުގެ ތެރެއިން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއާއި ޗައިނާގެ ފުޖިއަން ފިޝަރީޒް އިންސްޓިޓިއުޓްއާއި އެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް ދިރާސާކުރުމާއި، އެކުއާކަލްޗަރ ދާއިރާ ކުރިއެކުރުވުމުގެ އެހެނިހެން ދިރާސާ، އަދި ކަނޑުގެ މާހައުލާ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ގުޅުންހުރި ދިރާސާކުރުމެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އެކުއަކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް އެޅޭ އިތުރު ހަރުދަނާ ފިޔަވަޅެއްކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ޢިލްމީ އަދި ޓެކްނިކަލް ގުޅުން އިތުރަށް ބަދަހިވެ، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ވަޒީރު ޝިޔާމްގެ މި ދަތުރުފުޅުގެ ތެރެއިން ޗައިނާގެ އެންމެ ބޮޑު މަސްވެރިކަމުގެ އުފެއްދުންތައް ވިއްކުމުގެ މަރުކަޒު ކަމުގައިވާ މަވެއި އެކުއެޓިކް ޕްރޮޑަކްޓްސް ޓްރޭޑިންގ ސެންޓަރަށްވެސް ވަނީ ޒިޔާރާތްކުރައްވާފައެވެ.

މަވެއި އެކުއެޓިކް ޕްރޮޑަކްޓްސް ޓްރޭޑިންގ ސެންޓަރަކީ މަސްވެރިންނާއި، ސަޕްލަޔަރުންނާއި، އަދި ރާއްޖެއާއި ބޭރުގެ ވިޔަފާރިވެރިން ގުޅުވައިދީ، ކަނޑުގެ ތަފާތު ބާވަތްތަކުގެ ދިރުންތަކުގެ އުފެއްދުންތައް ވިއްކުމުގެ މަސައްކަތް ފަސޭހަކޮށްދޭ މުހިންމު މަރުކަޒެކެވެ. މިއީ ޗައިނާގެ އެތެރޭގެ ކަނޑުގެ ކާނާ ބެހުމުގެ މައި މަރުކަޒެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ކާނާގެ ވިޔަފާރި އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މިފަދަ މަރުކަޒުތަކުގެ ހިންގުން ދަސްކުރުމާއި، އެކުއަކަލްޗަރ ދާއިރާއަށް ލިބޭނެ ފައިދާތައް ދިރާސާކުރުންކަމަށެވެ.

މި މަރުކަޒުގެ ހިންގުމުގެ ނިޒާމުން ދިވެހިރާއްޖޭގެ ކަނޑުގެ ކާނާގެ ވިޔަފާރި ކުރިއަރުވައި ހަރުދަނާކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށާއި، ޚާއްޞަކޮށް، ރާއްޖޭގެ އެކުއަކަލްޗަރ ދާއިރާ މިހާރު ފުޅާވަމުންދާ ދުވެލީގައި، މިފަދަ މަރުކަޒުތަކުން ލިބޭ ތަޖުރިބާ މުހިންމުވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިފަދަ މަރުކަޒުތަކުން ރައްކާތެރިކާނާ ތައްޔާރުކުރަނެ ގޮތާއި މާކެޓު ހޯދުމާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރި ހިންގުމުގެ ތަޖުރިބާ ދަސްކުރުމަށް ރާއްޖެއަށް ފުރުޞަތުތައް ލިބިގެންދާނެކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ޝިޔާމް ވަނީ ފޫޖޯ ސިޓީގައި ހުންނަ ހޯޑްސަން ގްރޫޕަށް ޒިޔާރަތްކުރައްވައި، އެ ތަނުގެ ވަސީލަތްތައް ބައްލަވައިލައްވާފައެވެ. އަދި ސެމިކޮންޑަކްޓަރުތަކާއި، ސެޓެލައިޓް މުވާސަލާތުތަކާއި، އައު މެޓީރިއަލްތަކާއި، ޑިޖިޓަލް އެޕްލިކޭޝަންތަކުގެ ދާއިރާގައި ކުރެވިފައިވާ އައު އީޖާދުތަކާ ބެހޭ މަޢުލޫމާތު ހޯއްދެވިއެވެ.

މި ޒިޔާރަތުގައި ހޯޑްސަންގެ ތަޖުރިބާއާއި ހުނަރު ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ޓެކްނޮލޮޖީގެ ސިނާޢަތު ކުރިއެރުވުމަށް އެހީތެރިވެދެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް މެނޭޖްކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސްއާއި ޑިޖިޓަލް ޓޫލްތައް ބޭނުންކުރުން ހިމެނެއެވެ.

ވަޒީރު ޝިޔާމް ވަނީ ޗައިނާގެ ހޮންގްޑޮންގް ފިޝަރީޒްއަށްވެސް ވަނީ ޒިޔާރާތްކުރައްވާފައެވެ. މި ޒިޔާރަތުގައި ވަޒީރު ޝިޔާމާއި ވުޒާރާގެ ޓީމުން ވަނީ އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖޭގައި ކުރެވިދާނެ އިންވެސްޓްމަންޓްތަކާއި މުސްތަޤުބަލުގެ އެއްބާރުލުމާ މެދު މަޝްވަރާކުރައްވާފައެވެ.

ހޮންގްޑޮންގް ފިޝަރީޒްއަކީ ދުނިޔޭގެ ފެންވަރުގައި މަސްވެރިކަމާއި މެރިކަލްޗަރ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ބޮޑު ކުންފުންޏެކެވެ. މި ކުންފުނިން ޗައިނާގެ ފުޖިއާން ޕްރޮވިންސްއާއި އެހެނިހެން ޤައުމުތަކުގައިވެސް އޮފީސްތައް ހިންގަމުންދެއެވެ. ޚާއްސަ ގޮތެއްގައި، ދިވެހިރާއްޖޭގައި މެރިކަލްޗަރ ދާއިރާ ކުރިއެރުވުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއާ ގާތުން މި ކުންފުނިން މަސައްކަތްކުރަމުން އަންނަނީ ދިވެހި އިޤްތިޞާދަށް ފައިދާހުރި ގޮތެއްގައި މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައެވެ.

މި ޒިޔާރަތުގެ ތެރެއިން، ވަޒީރު ޝިޔާމް ވަނީ ހޮންގްޑޮންގް ފިޝަރީޒްގެ އިސް ވެރިންނާއެކު މުހިންމު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރ ދާއިރާގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ދެނެގަނެ، މުސްތަޤުބަލުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އާ ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓްތައް ގެނައުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.