މެރިން ސައިންސްގެ ރޮނގުން މަތީ ތަޢުލީމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ޤައުމީ ޔުނިވަރސިޓީން ދެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.
މިކަމާ ގުޅޭ ފަހުމުނާމާތަކުގައި ޤައުމީ ޔުނިވަރސިޓީއާއެކު ސޮއިކޮށްފައިވަނީ ބަނިޔަން ޓްރީ މޯލްޑިވްސްއާ އޮލިވް ރިޑްލީ ޕްރޮޖެކްޓް މޯލްޑިވްސްއާ އެކުގައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެކު، ބަންޔަން ޓްރީ މޯލްޑިވްސްއާއި އޮލިވް ރިޑްލީ ޕްރޮޖެކްޓް މޯލްޑިވްސްއާއެކު ފަހުމުނާމާއެއް އެކުލަވާލާފައިވަނީ މެރިން ސައިންސްގެ ރޮނގުން ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށެވެ.
މިފަހުމުނާމާގެ ދަށުން ދިރާސާކުރުމާއި، ތަޢުލީމީގޮތުން އެކި ފުރުސަތުތައް މުވައްޒަފުންނަށާއި ދަރިވަރުންނަށް ފަހިވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީން ޤަބޫލުކުރައްވައެވެ.
މިކަމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސް ގެ ޑީން، ޑރ. އަޙުމަދު ރިޔާޒް ޖައުހަރީ ވިދާޅުވީ، މިފަހުމުނާމާގެ ސަބަބުން އެ ކޮލެޖުން ކިޔަވައިދެމުން އަންނަ ފެކަލްޓީއޮފް ފިޝަރީޒް އެންޑް އޯޝަން ސްޓަޑީސްއިން މަތީ ތަޢުލީމުގެ ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
އަދި ބަންޔަން ޓްރީގެ ޖެނެރަލް މެނޭޖަރ އެލިޔަސް ޕެޓޮފްޓް ވިދާޅުވީ، މިފަހުމުނާމާއާއެކު އެކުންފުންޏަށާއި، އެމްއެންޔޫއަށްވެސް އެކި ގޮތްގޮތުން ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ.
ރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ޤައުމީ ޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެކި ކުނފުނިތަކާއި، ބައިނަލްއަޤްވާމީ އެކި ޔުނިވަރސިޓީތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށް ތަޢުލީމީ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ދަރިވަރުންނަށާއި، މުވައްޒަފުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް އެޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.