ސައުތު އޭޝިއަން ސުޕަކަޕްގައި ސްރީލަންކާއާ ދެކޮޅަށް ދިވެހި ޓީމު ހޯދި މޮޅާއެކު ޤައުމީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމުން މި ޖީލުގައި ޓީމުގައި ނަގާކިޔަން ތިބި ކުޅުންތެރިންނާ މެދު ފެނިގެން ދިޔައީ އުއްމީދީ ކުޅުމެކެވެ.
މުޅި މެޗުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ތޫނުފިލިކަން ހާމަވެގެން ދިޔައިރު ލަންކާ ކަހަލަ ފިޒިކަލީ ވަރުގަދަ ޓީމަކާ ދެކޮޅަށް ޒުވާން ކުޅުންތެރިން ނުކުތީ ޖެހިލުން ކުޑަކަމާއެކުއެވެ.
މި މެޗުން ރާއްޖެއަށް އެންމެ ބޮޑަށް ހާސިލުވާނެ އެއްޗަކީ އަންނަ މަހުގައި ރަށުން ބޭރުގައި އަމިއްލަ ދަނޑުގައި އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ މެޗަށް ލިބިގެންދާ ތަޖުރިބާއެވެ. އެ ދެމެޗުގައި ތަޖަކިސްތާނާއި ރާއްޖެ ވަދާކުރާއިރު އެމެޗަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް ދިވެހި ޓީމަށް މި ދެމެޗުން ދަސްވެގެންދާނެއެވެ.
ފުރަތަމަ މެޗަށްފަހު ރާއްޖޭގެ ޓީމުގެ ފޯވާޑް އިބްރާހިމް މަހުދީ ހުސެއިން ބުނީ މެޗަށް ނުކުތީވެސް ލަންކާ ވަރުގަދަ ޓީމެއް ގޮތުގައި ދެކިގެންކަމަށެވެ. އިއްބެ ބުނީ މެޗުގައި ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރީ އިތުރު ހިތްވަރަކާއެކު ލަންކާ އަތުން ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ.
ރާއްޖެއިން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އެންމެ ލޯތަކުގައި އަޅައިގަތީ އުމުރުން އެންމެ 16 އަހަރުގައި އެމެޗުގައި ކުޅެން ނުކުމެ ތާރީހުން ޖާގަ ހޯދި މުޙައްމަދު އިލާން އިމްރާނެވެ. އޭނާ ވެފައިވަނީ ރާއްޖޭ ޤައުމީ ޓީމަށް ލަނޑެއް ޖެހުމަށް އެހީތެރިވެދިން އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އޭނާ ދެއްކި ޖެހިލުން ކުޑަކާމާއި ދެއްކި ހިތްވަރުން ލިބުނު މަދު ވަގުތުކޮޅުން ސާބިތު ކޮށްދިނީ މުސްތަގުބަލުގައި ޤައުމީ ޓީމު ކޮނޑުއަޅައިގެން ނުކުތުމުގެ ގާބިލުކަން އޭނާ ކިބައިގައި ހުރި ކަމެވެ.
އަނެއްކާވެސް ދިވެހި ފުޓްބޯޅަ ދަނޑަށް އާތަރިއެއް އުފަންވުމުގެ ކުލަވަރު ފެންނަ ފެށީއެވެ. އަލީ އަޝްފާގަށް ފަހު ދަނޑަށް ދިވެހި ސަޕޯޓަރުން ކޮންމެ ދާންޖެހޭ ސަބަބެއް އުފަން ކުރުވީއެވެ. އެ މެޗުގައި ރާއްޖޭގެ މެދުތެރެއިން އަހުމަދު އައިހަމާއި ރިޒްވާންވެސް ވަނީ މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ހާއްސަކޮށް އުމުރުން 38 އަހަރު ފޯވާޑް އަލީ ފާސިރާއި ކީޕަރު މުހައްމަދު ފައިސަލު ސާބިތުކޮށްދިނީ ފުރުސަތުދީފި ނަމަ ތަފާތު ދައްކާނެ ކަމެވެ.
ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ޤައުމީ ކޯޗުގެ މަގާމާ ހަވާލުވެ، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ދެއްކި ކުޅުމާއެކު ރާއްޖޭގެ ޓީމަށް އާވެގެންދިޔައީ އުއްމީދެވެ. ޒުވާން ކުޅުންތެރިން އިތުރު ހިތްވަރެއް ލިބިގެން ދިޔައިރު މުޅި ޓީމު އޮތީ ކާމިޔާބު ހޯދުމުގެ ރޫޙުގައެވެ. މިއީ ދިވެހި ފުޓްބޯޅަ ކުރިއަށް ހިނގައިގަންނަން ލިބިގެންދާނެ އިތުރު ހިތްވަރެކެވެ. ޤައުމީ ޓީމުން ޖާގަ ހޯދަން މަސައްކަތް ކުރާ ޒުވާން ކުޅުންތެރިންނަށް ލިބުނު ފެހި ސިގްނަލެކެވެ.