ޚަބަރު

ސަރުކާރުގެ އެހީގައި އަމިއްލަ ގޯތީގައި ގެދޮރުއަޅަން ބޭނުންވާ 43 ރަށެއްގެ މަޢުލޫމާތު ފޮނުވައިފި


  • މި ފުރުޞަތު އަދި ދީފައިވަނީ ސަރުކާރުން އިޢުލާނުކުރި 57 ރަށަށް

  • ކޮންޓްރެކްޓަރުން ހޯދުމާއި ޕްރޮޖެކްޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދޭ

  • 12000އަށްވުރެ ގިނަ ޔުނިޓް މުޅި މަޝްރޫޢުގައި ހިމެނޭ

އަމިއްލަ ގޯތީގައި ގެދޮރު އަޅަން ބޭނުންވާ 43 ރަށެއްގެ މަޢުލޫމާތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއަށް ލިބިފަވާކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މީގެތެރޭގައި ހިމެނެނީ، އަތޮޅުތަކުގައި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އިޢުލާނުކޮށްފަވާ ރަށްތަކެވެ.

އަމިއްލަ ގޯތީގެ ބިންތަކުގައި ގެދޮރު އެޅުމަށް ސަރުކާރުން ހުޅުވާލި ފުރުޞަތަކީ ބަންޑާރަ ގޯތީގައި ގެދޮރުއެޅުމަށް މާލީގޮތުން ދަތި މީހުންނަށް ސަރުކާރުން އެހީތެރިކަން ދިނުމަށް ހުޅުވާލި ފުރުޞަތެކެވެ. މި ފުރުޞަތުގެ ދަށުން މިހާތަނަށް ގެދޮރު އަޅަން ހުޅުވާލާފަވަނީ، ސަރުކާރުން ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގުމަށް އިޢުލާނުކޮށްފަވާ 57 ރަށުގެ ރައްޔިތުންނަށެވެ.

ސަރުކާރުން ފަހިކޮށްދޭ ހައުސިންގ މަޝްރޫޢުގައި، އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އިމާރާތްކުރަން ބޭނުންވާ ފަރާތްތަކުގެ އަދަދާއި ގޯތީގެ ތަފްސީލްތައް ހޯދުމުގެ މަސައްކަތް ކުރުމަށް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކައުންސިލްތަކަށް އެންގީ، މިއަހަރުގެ ޖުލައި ފުރަތަމަ ހަފްތާގައެވެ. އެހެންކަމުން ކައުންސިލްތަކުން މިކަމަށް އިޢުލާނުކޮށް، އެ މަޢުލޫމާތުތައް ރަށްރަށުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ތަފްސީލް ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި 57 ރަށުގެ ތެރެއިން 43 ރަށަކުން، މި މަޢުލޫމާތު މިހާރު ވުޒާރާއަށް ފޮނުވާފަވާކަމަށެވެ. މިހާރު މަޢުލޫމާތު ނުލިބިވަނީ 14 ރަށަކުންނެވެ.

އެ ވުޒާރާއިން ވިދާޅުވީ މަޢުލޫމާތު ލިބިފަވާ ރަށްތަކުގައި، މަޝްރޫޢުތައް ވަނީ ޕްރީ ކޮލިފިކޭޝަން އިވެލުއޭޝަން މަރުހަލާގަކަމަށެވެ. މި މަރުހަލާގައި ކުރިއަށްދާނީ، ކޮންޓްރެކްޓަރުން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެކަމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މީގެކުރިން ހާމަކޮށްފަވާގޮތުގައި، މި ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓަރުގެ ބޮޑު ޝަޢުގުވެރިކަމެއް ދަނީ ލިބެމުންނެވެ. ސަރުކާރުން މަސައްކަތްކުރަމުންދަނީ އަތޮޅުތަކުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފެށުމަށެވެ. މަޝްރޫޢުއަށް ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާނުކޮށްފަވާއިރު، މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

ބީލަމަށް ހުޅުވާލާފައިވަނީ 4 ކެޓަގަރީއެއްގެ ހައުސިން މަޝްރޫއުތަކެވެ. އެގޮތުން 50 ހައުސިން ޔުނިޓަށްވުރެ މަދުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގައި އެމަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ހުށައެޅޭނީ ރާއްޖޭގެ ކޮންޓްރެކްޓަރުންނަށެވެ.

51 ހައުސިން ޔުނިޓާއި 150 ހައުސިން ޔުނިޓް އަދި 200-250 އާ ދެމެދުގެ ހައުސިން ޔުނިޓްތަކާއި، 300 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ހުށަހެޅޭނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުން މިއަހަރަށް ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބޮޑު ބަޖެޓެއް ކަނޑައަޅުއްވާފައެވެ. އެގޮތުން ހަމައެކަނި ޢުމްރާނީ މަސައްކަތްތަކަށްވެސް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފަވެއެވެ.