ޚަބަރު

ރާއްޖޭގެ ތަރައްޤީގައި ޒަމާންތަކަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓުން ފޯރުކޮށްދިން: ރައީސް


  • މިއަދަކީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ 119 ވަނަ އަހަރީ ދުވަސް

  • ރައީސް ވިދާޅުވީ ޕޯސްޓްގެ ޚިދުމަތުގެ ދިގު ތާރީޚުގައި ޚިދުމަތްކުރެއްވި ބޭފުޅުންނަށް ޝުކުރާއި ހެޔޮއެދުން ފޮނުއްވާފައި

ދިވެހިރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރިއްޔާއިން ފޯރުކޮށްދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ 119 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިދިޔަ 119 އަހަރުގެ ތެރޭގައި ޕޯސްޓުގެ ޚިދުމަތް ރާއްޖޭގައި ދެއްވުމަށް އިސްވެ ތިއްބެވި ވެރިންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޕޯސްޓްގެ ޚިދުމަތުގެ ދިގު ތާރީޚުގައި ޚިދުމަތްކުރެއްވި ބޭފުޅުންނަށް ޝުކުރާއި ހެޔޮއެދުން ވަނީ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޯސްޓްގެ ޚިދުމަތާއެކު ރާއްޖޭގެ ކުރިއެރުމާއި، މުވާސަލާތީ ދާއިރާއިން ޙާސިލުކޮށްފައިވާ ކާމިޔާބީތަކާއި އަދި އިޤްތިޞާދީގޮތުން ކުރިއަރައިދިޔުމުގައިވެސް ޒަމާންތަކަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރިއްޔާއިން ފޯރުކޮށްދީފައިވާކަމަށެވެ.


ރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވުނީ 1906 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ޕޯސްޓް އޮފީހެއް ހުޅުވަން މެދުވެރިވި މައިގަނޑު ސަބަބަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު މުވާސަލާތު ކުރެވޭނެ ނިޒާމެއް އޮތުން މުހިންމުކަމަށް އޭރު އޮތް ދިވެހި ސަރުކާރަށް ވިސްނުމެވެ.

ޕޯސްޓް އޮފީހުގައި އޭރު އެންމެ ފުރަތަމަ ބޭނުންކުރީ ސިލޯނުގެ 25 ސެންޓް ސްޓޭމްޕްގައި މޯލްޑިވްސް ޖަހައިގެންނެވެ. ޕޯސްޓް އޮފީހުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ސްޓޭމްޕެއް ބޭނުންކުރީ 1909 ވަނަ އަހަރުއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޖެންސީ ޕޯސްޓް އޮފީހެއް ޤާއިމުކޮށްފައިވަނީ 1994 ވަނަ އަހަރުގައެވެ. މިއޮފީސްތަކާއެކު އަތޮޅުތަކަށް ދެމުންދިޔަ ޕޯސްޓްގެ ޚިދުމަތުގެ ޑެލިވަރީވަނި އަވަސްވެފައެވެ.

ޕޯސްޓްގެ ޚިދުމަތް ފުޅާވެ، ޚިދުމަތްދޭ ފަރާތްތަކުގެ ޢަދަދު އިތުރުވުމާއެކު ސަރުކާރުންވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ނަމުގައި 100 އިންސައްތަ ސަރުކާރު ހިއްސަވާ ކުންފުންޏެއްގެ ގޮތުގައި ޕޯސްޓްގެ ޚިދުމަތް ފަށާފައެވެ.