ޚަބަރު

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 60ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ


  • ރާއްޖޭގެ ވަފުދުން މި ސެޝަންގައި ޤައުމީ ބަޔާން ދޭނެ

  • ނައިބު ރައީސްގެ ހައިސިއްޔަތުން ރާއްޖޭން ބައެއް ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނެ

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 60 ވަނަ ސެޝަން ފަށައިފިއެވެ. އަންނަ މަހުގެ 8ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ސެޝަންގައި ރާއްޖޭން އަންނަނީ ބައިވެރިވަމުންނެވެ.

މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އދ.ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް، ވޮލްކަރ ޓާރކް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގެ މިހާރުގެ ޙާލަތާ ގުޅޭ ގޮތުން ރިޕޯޓެއް ހުށަހެޅުއްވިއެވެ.

ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތަފާތު އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖޭގެ ވަފުދުން މި ސެޝަންގައި ގައުމީ ބަޔާން ދޭނެއެވެ. އެގޮތުން ޖެނީވާގައި ހަރަކާތްތެރިވާ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ފަރާތުން ދިވެހިރާއްޖެއިން ޓެކްނިކަލް އެސިސްޓެންސް އަދި ކެޕޭސިޓީ ބިލްޑިންގ އާގުޅޭގޮތުން ސްޓޭޓްމަންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ތަރައްޤީ ވަމުންއަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓެކްނިކަލް އެސިސްޓެންސް އަދި ކެޕޭސިޓީ ބިލްޑިންގގެ މުހިންމުކަމާ ގުޅޭގޮތުން މި ސްޓޭޓްމަންޓުގައި އަލިއަޅުވާލާނެ ކަމަށާއި ދެ ކޯ ގުރޫޕެއްގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި ޝެޝަނަށް ދެ ޤަރާރެއް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ސިޔާސީ އަދި ސަރަހައްދީ ޖަމިއްޔާތަކުގެ މެމްބަރެއްގެ ހައިސިއްޔަތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ މައްސަލަތައް އިތުރުވަމުންދާތީ ރާއްޖެއިން އަބަދުވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، މިޔަންމާގެ ސްޕެޝަލް ރެޕަޓުއަރއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ރާއްޖެއިން ޤައުމީ ބަޔާނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް، ވަކީން ޚާއްސަކޮށް ޣައްޒާގެ ރައްޔިތުން، ތަހައްމަލްކުރަމުންދާ އަނިޔާތަކާބެހޭގޮތުން އަލިއަޅުވާލާއި ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ވާހަކަ ދެއްކުމަށް ހަމަޖެހިފަައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އ.ދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 60 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުން ހިއުމަން ރައިޓްސް ކައުންސިލްގެ މި ދައުރުގެ ނައިބް ރައީސްގެ މަޤާމަށް ދިވެހިރާއްޖެ ހޮވިފައިވާތީ، ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބް ރައީސްގެ ހައިސިއްޔަތުން، ދާއިމީ މަންދޫބު ކައުންސިލްގެ ބައެއް ސެޝަންތަކުގެ ރިޔާސަތު ބަލަހައްޓަވާނެއެވެ.

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމަށާއި ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހާލަތްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އ.ދ ގެ ނިޒާމުގެ ތެރެއިން ބައެކެވެ. މި މަޖިލީހުގައި ހިމެނެނީ 47 މެންބަރުންނެވެ. ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރެކެވެ. އަދި މެންބަރުކަމުގެ ދައުރު ހަމަވާނީ މިއަހަރެވެ.