ޚަބަރު

އާރުޓީއެލް ފެރީގެ ޚިދުމަތް 5 އަތޮޅެއްގައި ފެށުމަށް ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މިމަހު ފަށަނީ


  • ދިރާސާތައް ހަދަނީ ޖަޕާނުގެ ކުންފުންޏެއްކަމަށްވާ ޖައިކާއިން

  • ދިރާސާތައް މިމަހާއި އަންނަ މަހުވެސް ކުރިއަށްދާނެ

  • މިހާތަނަށް އާރުޓީއެލްގެ ޚިދުމަތް ޤާއިމުކޮށްފައިވަނީ 11 އަތޮޅެއްގައި

އިތުރު 5 އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު، އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމަށްޓަކައި ހަދަންޖެހޭ ދިރާސާތަކުގެ މަސައްކަތް މިމަހު ފެށުމަށް ހަމަޖެހިފައިވާކަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މިއަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް އާރުޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. މިއީ ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުއިކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަށް ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އާރުޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ޒޯން 4ގައި ޚިދުމަތް ފެށުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ފެށުމަށްޓަކައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް، ޖައިކާއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. މި މަޝްވަރާ ބައްދަލުވުމުގައި ޖައިކާގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބޭސްލައި ސަރވޭއާ ބެހޭ މަޢުލޫމާތު ހިއްސާކުރިކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ބޭސްލައިން ސަރވޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހާއި އަންނަ މަހުއެވެ. އާރުޓީއެލް ޒޯން 4ގައި ހިމެނޭ އަތޮޅުތަކަކީ މ، ފ، ދ، ތ އަދި ލ. އަތޮޅެވެ.


އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ ގުޅިގެންނެވެ. މި ޚިދުމަތް ދެނީ އެމްޓީސީސީ މެދުވެރިކޮށެވެ.

އިތުރު އަތޮޅުތަކުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމަށްޓަކައި 56 އުޅަނދު ބޭނުންވާކަމަށާއި އެ އުޅަނދުތައް ބަނުމަށް މިހާރު ހަވާލުކޮށްފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މިހާރު އާރުޓީއެލްގެ ޚިދުމަތް ޤާއިމުކޮށްފައިވަނީ 11 އަތޮޅެއްގައެވެ. ޒޯން 4ގައި ހިމެނޭ އަތޮޅުތަކުގައި ޚިދުމަތް ފެށުމުން ބާކީ އޮންނާނީ 4 އަތޮޅެވެ.