ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި


  • މެލޭޝިއާއަކީ ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ޤައުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި

  • މިއަހަރު ފާހަގަކުރަނީ މެލޭޝިއާގެ 68 ވަނަ މިނިވަން ދުވަސް

މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ. އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ، މެލޭޝިއާގެ މިނިވަން ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނު އިބްރާހީމް އިސްކަންދަރަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި، މެލޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް ވަނީ ފޮނުއްވާފައެވެ.

މެލޭޝިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާ ގާތްގުޅުމެއް ބާއްވާ ޤައުމެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ސަރުކާރާއި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ޒަމާންވީ މި ގާތްގުޅުން މިގޮތުގައި ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.


މެލޭޝިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓްމަހުގެ 31 ވަނަ ދުވަހެވެ. އެގޮތުން މި އަހަރު ފާހަގަކުރަމުން ދަނީ އެ ޤައުމުގެ 68 ވަނަ މިނިވަން ދުވަހެވެ.

ދިވެހިރާއްޖެއިން މެލޭޝިއާއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ 1968 ވަނަ އަހަރުގައެވެ.