ޚަބަރު

ބިންހިއްކައި ނިންމާ ވެލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް


  • މުޅި މަޝްރޫޢުގެ %65 މަސައްކަތް ވަނީ ނިމިފައި

  • މިހާރު ކުރިއަށްދަނީ ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތް

ނ. ވެލިދޫ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، ހިއްކި ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވެލިދޫއަށް ވަޑައިގެންނެވެ.

އެމްޓީސީސީއިން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން، އެރަށުން ބިން ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މިމަހުގެ 1ވަނަ ދުވަހު އެއްކޮށް ނިންމާލާފައިވާކަމަށެވެ. އެ މަސައްކަތް ނިންމާފަމިވަނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތްކަމަށެވެ. މި މަސައްކަތުގެ ތެރެއިން 443 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއް ޖެހުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.

އެއާއެކު މި މަޝްރޫޢުގެ %65 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.

ނ.ވެލިދޫއިން ހިއްކާފައިވާ ސަރަޙައްދަކީ ރަށުގައި އޮޑިދޯނިފަހަރު ބާލާ އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރުމަށް ހިއްކި ސަރަޙައްދެކެވެ. މި މަސައްކަތުގައި އެރަށު ފަޅުން 2.7 ހެކްޓަރުގެ ސައްޙައްދުވަނީ ހިއްކާފައެވެ. މިއީ 33.6 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

2700 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ވެލިދޫއަކީ ނ. އަތޮޅުގައި އެންމެ އާބާދީ ބޮޑު އެއް ރަށެވެ. ވެލިދޫއަކީ ކޮންމެ ދުވަހަކުވެސް ގިނަ ޚިދުމަތްތަކެއް ހޯދަން އެތައްބަޔަކު ޒިޔާރަތްކުރާ ރަށެކެވެ.

މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމުމާއެކު، އެރަށުގެ ރައްޔިތުންނަށް ޢުމްރާނީ އަދި އިޤްތިޞާދީގޮތުން ގިނަގުނަ ކުރިއެރުންތަކެއް ލިބޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.