އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް މާލޭގައި ކުރިއަށްގެންގޮސްފިއެވެ.
އިންޑިއާގެ 79 ވަނަ މިނިވަން ދުވަހާއި ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ފަށަފައިވަނީ މިއަދު މެންދުރުފަހު ހުޅުމާލެ އޮރެންޖް ހިޔާގައެވެ.
ލޭ ހަދިޔާ ކުރުމުގެ ހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މޯލްޑިވްސް ބްލަޑް ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް އަހުމީމް ފާރިޝް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ލޭ ހަދިޔާކޮށްފައިވާކަމަށެވެ. އަދި މިފަދަ ހަރަކާތެއް ކުރިއަށްގެންދިޔަކަމަށްޓަކައި އިންޑިއާގެ ހައިކޮމިޝަނަށް ޝުކުރު އަދާކުރައްވާކަމަށްވެސް ފާރިޝް ވިދާޅުވިއެވެ.
" ޖުމްލަ 105 މީހުން ޑޮނަރސްގެ ގޮތުގަ ލޭ ހަދިޔާކުރި". އަހުމީމް ފާރިޝް ވިދާޅުވިއެވެ.
ލޭހަދިޔާކުރުމުގެ މި ހަރަކާތުގެ ތެރެއިން މޯލްޑިވްސް ބްލަޑް ސަރވިސް އަދި މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން އިންޑިއާގެ ހައި ކޮމިޝަނާއެކު ޚާއްސަ ބައްދަލުވުންތަކެއް ކުރިއަށްގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން މޯލްޑިވްސް ބްލަޑް ސަރވިސްގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށާއި، ބްލަޑް ސަރވިސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާތަކެއް ކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަރަކާތުގައި ބިދޭސީންގެ އިތުރުން، ދިވެހިންވެސް ބައިވެރިވެ، ލޭ ހަދިޔާކޮށްފައިވެއެވެ.
އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް މޯލްޑިވްސް ބްލަޑް ސަރވިސްއާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިއަށްގެންދެއެވެ.