ޚަބަރު

ގެދޮރުވެރިޔާ ސްކީމް: 1800 އަށްވުރެ ގިނަ މީހުން އެއްބަސްވުމުގައި ސޮއިކޮށްފި


  • މިހާތަނަށް 1826 ފަރާތަކާއެކު ސޮއިކޮށްފައިވޭ

  • 2774 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލްކޮށްފައި

  • އަންނަ މަހުގެ ނިޔަލަށް ސޮއިކޮށް ނިންމުމަކީ އަމާޒެއް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 1800 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ.

އެ ކުންފުނިން ފުލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ. އެފްޑީސީން ވިދާޅުވީ އިއްޔެގެ ނިޔަލަށް 1826 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. ޖުމްލަ 2774 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތަވާލުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތްކުރަމުންދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަޙައްދުގައެވެ.

ފްލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، އަންނަ މަހުގެ ނިޔަލަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްތައް ނިންމާލުމަށް އެފްޑިސީން ވަނީ އަމާޒު ހިފާފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް ލިޔެކިޔުންތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެފްޑީސީން އިލްތިމާސްކުރައްވައެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އެފްޑީސީއަށް ފޮނުވާ ލިސްޓްގެ މަޢުލޫމާތުތައް އަވަހަށް ޕްރޮސެސްކޮށް، ސޮއިކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ޕޯޓަލަށް އެޅުމަށް އަންގާ މުއްދަތު އަވަސްކުރުމާއި، މި މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ އަދަދު އިތުރުކޮށް، ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރައްވަމުންނެވެ. ސޮއިކުރުން އަވަސްކުރުމަށް ސިންތެޓިކް ޓްރެކް ސަރަޙައްދުގައި 10 ވަރަކަށް ކައުންޓަރުން ޚިދުމަތްދަނީ ފޯރުކޮށްދެމުންނެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ދިއުމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކުންފުނިން އަންގާނެއެވެ. ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންނާއެކު އެގްރިމަންޓްގެ މަސައްކަތް ނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް މަސައްކަތް ކުރަމުންއަންނަ ކަމަށް އެފްޑީސީން ވިދާޅުވެއެވެ.

ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގައި ފުރަތަމަ އިސްކަންދެނީ ދޭނީ 76 މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށެވެ.

އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާކަމަށްވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރައިން ވަނީ ވިދާޅުވެފައެވެ. އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބޭނީ 73 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.