ޚަބަރު

ފަތުރުވެރިކަން ކުރިއެރުވުމަށް ޑިޖިޓަލް ބަދަލުތަކާއި އާޓިފިޝަލް އިންޓެލިޖެންސް މުހިންމު


  • ސެޕްޓެމްބަރު 27 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި

  • ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ ބައި ގަރުނު ވަނީ ވެފައި

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މިއީ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީގައި ފަތުރުވެރިކަމުގެ މުހިންމުކަން ހާމަކޮށްދިނުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ދިވެހިރާއްޖެއަށް ބަލާއިރު، ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި ފާއިތުވި 50 އަށްވުރެ ގިނަ އަހަރުގެ ތެރޭގައި މި ދާއިރާއަށް ބޮޑެތި ކުރިއެރުންތަކަކާއި ބަދަލުތަކެއް ވަނީ އައިސްފައެވެ.

ބައިނަލްއަޤްވާމީ ގޮތުން ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރަނީ ފަތުރުވެރިކަމާއި އިޖްތިމާޢީ، ސަޤާފީ، ސިޔާސީ އަދި އިޤްތިސާދީ ކަންކަމާއި އޮންނަ ގުޅުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ބައިނަލްއަޤްވާމީގޮތުން ފަތުރުވެރިކަމުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ވަކި ޝިއާރެއްގެ ދަށުންނެވެ. ޔުނައިޑަޓް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން، ޔޫއެންޑަބްލިއުޓީއޯއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ފަތުރުވެރިކަން އަލުން ބައްޓަންކުރުމަށްޓަކައި ޑިޖިޓަލް އެޖެންޑާ އަދި އާޓިފިޝަލް އިންޓެލިޖެންސް" އެވެ.

މި ޝިއާރު ބިނާވެފައިވަނީ ޑިޖިޓަލް ބަދަލުތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ އިންޤިލާބީ ބަދަލުތަކުގެ މައްޗަށެވެ. މީގެ ތެރޭގައި ފަތުރުވެރިން މަންޒިލްތައް އިޚްތިޔާރުކުރުމާއި ދަތުރުތައް ރޭވުމުގައި ގެންގުޅޭ އުސޫލުތަކުން ފެށިގެން، ފަތުރުވެރިކަމުގެ ވިޔަފާރިތައް ހިންގުމާއި ވަސީލަތްތައް ބެލެހެއްޓުމަށް އަންނަ ބަދަލުތައް ހިމެނެއެވެ.

ފަތުރުވެރިންނަށް ލިބިދޭ ތަޖުރިބާ މުއްސަނދިކުރުމަށާއި، މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި އަދި ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުންހިފުމަށް މި ޝިއާރުގައި ބާރުއަޅައެވެ.

ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރާއިރު، މިއީ ރާއްޖެއަށް ވަރަށް މުހިންމު ދުވެހެކެވެ. ސަބަބަކީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ސިނާއަތަށްވުމެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން އާމްދަނީ ހޯދުމަށް މަސައްކަތްކުރަނީ މިސިނާއަތުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފެށުނީ 1972 ވަނަ އަހަރުއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ރާއްޖެއިން އަންނަނީ މި ސިނާޢަތުގައި ކުރިއެރުންތައް ހޯދައި ސިނާޢަތުގައި އެފަދަ ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

މިކަން ދުނިޔޭގެ އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލުގެ ލަގަބު ވިދިވިދިގެން 6 ފަހަރު ހޯދުން ހެއްކެއްގެ ގޮތުގައި ފުދެއެވެ. ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓުން ފެށި މަސައްކަތް މިހާރު މިވަނީ ރައްޔިތުންނާއި ހިސާބަށް ގެނެސް ރައްޔިތުންނަށްވެސް އޭގެ ފައިދާ ނެގޭނެ ގޮތް ހަދާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައީ ރިސޯޓްތަކުންނެވެ. ނަމަވެސް މިއަދު ފަތުރުވެރިކަން ފުޅާވެ ރާއްޖޭގައި ރިސޯޓުތަކުގެ އިތުރުން ހޮޓެލް، ގެސްޓްހައުސް، ސަފާރީ އަދި ހޯމްސްޓޭވެސް ވަނީ ތަޢާރަފްވެފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1279 ތަނެއް ވަނީ ހުޅުވާފައެވެ. އެއީ 179 ރިސޯޓާއި، 16 ހޮޓެލްއާއި، 919 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދެވެ. މި ހުރިހައި ތަނެއްގެ ބެޑް ކެޕޭސިޓީ 67،779 އަށް އަރައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއަދު ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަތީ ފަންތީގެ ޚިދުމަތްދޭ މަންޒިލެއްގެ ގޮތުގައި މަޤުބޫލު މަންޒިލެކެވެ. މި ދާއިރާއިން ރާއްޖެ އެންމެ ކުރީ ސަފަށް ޖެހިލާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމެވެ.