މިއަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބޮޑެތި ތަފާތުތަކެއް ފެނިގެންދާނެއެވެ. މިދިޔަ އަހަރު 5 ޑިސްޓްރިކްޓަކަށް އުފެއްދުންތެރިކަމުގެ ބައިތައް ގެންދިޔަނަމަވެސް މިއަހަރު 7 ޑިސްޓްރިކްޓަކަށް ވަނީ ހުޅުވާލާފައެވެ.
މީގެތެރެއިން މިފަހަރު މުޅިން އަލަށް ހިމަނާފައިވާ އެއް ޑިސްޓްރިކްޓަކީ އިންޓަރނޭޝަނަލް އެގްޒިބިޓަރ ޑިސްޓްރިކްޓެވެ.
އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓްގެ ބޭނުމަކީ ރާއްޖެއާއި ބޭރުގެ ވިޔަފާރިތަކުގެ މާކެޓްތައް ގުޅުވައިދީ، އުފެއްދުންތެރި އިޖާދީ ވިސްނުންތައް ރާއްޖެއިންވެސް ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މިއީ ބޭރުގެ ވިޔަފާރިތަކާއި އިންވެސްޓަރުން އަދި ސިޔާސަތުތައް ހެދުމުގައި މަސައްކަތް ކުރާ މީހުން ގުޅުވައިދީ، ޚިޔާލުތައް ބަދަލުކުރުމުގެ މުހިންމު ޕްލެޓްފޯމަކަށްވެސް ވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެކްސްޕޯއާ ގުޅޭ މަޢުލޫމަތު ޙިއްސާކުރައްވަމުން އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒް ވިދާޅުވީ އެކްސްޕޯގެ އިންޓަރނޭޝަން ޑިސްޓްރިކްޓްގައި ދުނިޔޭގެ އެކި ޤައުމުތަކުން ބައިވެރިވަމުންދާކަމަށެވެ. މީގެ އެންމެ ބޮޑު ފައިދާއެއްކުރާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ވިޔަފާރިކުރާ ފަރަތްތަކަށެވެ. ޚާއްސަކޮށް ލޯކަލް ޓުއަރިޒަމްގެ ޚިދުމަތްތައް ދޭ ވިޔަފާރިތަކަށް، ގުޅުން ބަދަހިކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެއް ލިބިގެންދާނެއެވެ.
ޝިޔާޒް ވިދާޅުވީ ދުނިޔޭގައި ފާހަގަކޮށްލެވޭ ރަނގަޅު ޓެކް ފާމްތަކުންވެސް ރާއްޖޭގެ އެކްސްޕޯގައި ބައިވެރިވެފައިވާކަމަށެވެ. ޓެކް ދާއިރާގެ ތަފާތު އުފެއްދުންތަކުގެ ޑެމޯތައް އެކްސްޕޯގައި ދައްކާލާނެއެވެ.
"އެއް ޤައުމަކުން 13 އެޕްލިކޭޝަނެއް ލިބިފައި އެބައޮތް. ކުޑަކުދިންނާއި އަދި ބޮޑެތި މީހުންނަށް ވަރަށް ޝައުގުވެރިވާނެ ތަފާތު ކަންތައްތަކެއް މި ޑިސްޓްރިކްޓުން ފެންނާނެ." ޝިޔާޒް ވިދާޅުވިއެވެ.
• އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯޑްސް
• ކަންޓްރީ ޕެވިލިއަން
• ގްލޯބަލް ކްރިއޭޓިވް އިންޑަސްޓްރީ ޕްލެޔަރސް
• ޓްރޭޑް މިޝަން
• އިންޓަރނޭޝަނަލް ޓެކް ކޮމްޕެނީސް
ކަންޓްރީ ޕެވިލިއަންތަކުގައި، ބޭރުގެ އެކްސްޕޯތަކުގައި ފެންނަގޮތަށް، އެ ޤައުމެއްގެ ސަޤާފަތާއި ޤައުމުގެ ޚާއްސަ ވިޔަފާރިތަކާއި މާކެޓް ކުރުމުގެ ކަންކަން ކުރިއަށްދާނެއެވެ. އަދި އެކި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކާއެކު ނެޓްވޯކިން ކުރިއަށްގެންދެވޭނެއެވެ. މީގެއިތުރުން އަލަށް ފަށާ ކުދި ވިޔަފާރިތަކަށް ޚާއްސަ ބައިތައްވެސް މި ޑިސްޓްރިކްޓްގައި ހިމެނެއެވެ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ދިވެހިންގެ އުފެއްދުންތެރިކަމާއި ހުނަރުތައް ދައްކާލުމަށް ޚާއްސަ މައުޒެކެވެ. އަދި މިފަހަރު އަލަށް އިތުރު ބައިތަކާއެކު، ވިޔަފާރިތަކަށް ޚިޔާލު ބަދަލުކުރުމާއި ތަޖުރިބާ ޙިއްސާކުރުމުގެ މަގު ވަރަށް ބޮޑަށް ފަހިވެގެންދެއެވެ.
ޑިސްޓްރިކްޓްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.