މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމުން އެ ސަރަހައްދުގެ ފަޅު ބަންދުކުރުމުން، އެ ސަރަހައްދު ބޭނުންކުރަމުން އައި އުޅަނދުތަކަށް ދެ ސަރަހައްދެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަމަޖައްސައިފިއެވެ.
އެމްޕީއެލްއިން ވިދާޅުވީ މާލޭ އުތުރު ފަރާތުގެ ލޯކަލް މާރުކޭޓުގެ އިރުމަތީ ތޮއްޓާއި އެއްގަމުތޮށި މަރާމާތުގެ މަސައްކަތް ކުރަމުން ދާތީ އެސަރަހައްދުން ޚިދުމަތް ހޯދަމުންދިޔަ ދުވަހު ފެރީތަކަށް ހުއްޓުމެއްނެތި ޙިދުމަތް ދިނުމަށްޓަކައި އެމް.ޕީއެލް އިންވަނީ 2 ސަރަހައްދެއް ހަމަޖައްސާފައެވެ.
އެގޮތުން އުތުރު ފަރާތުގެ ތޮށިތައް މަރާމާތުގެ މަސައްކަތް ނިމެންދެން އަންނަ 19 ނޮވެމްބަރު ދުވަހުގެ ނިޔަލަށް އެމްޕީއެލްގެ ނޯތު ހާބަރުންނާއި ޓީ ޖެޓީ ސަރަހައްދުން އެޚިދުމަތް ލިބޭނެ ކަމަށް އެމްޕީއެލްއިން ވަނީ ވިދާޅުވިއެވެ.
އެމްޕީއެލްއިން ވިދާޅުވީ 3މަސް ދުވަސް ހަމަވެ، މަރާމަތުގެ މަސައްކަތް ނިމުމުން މި ދެ ބަނދަރުން ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް އުސޫލުގައިވާގޮތަށް ޚިދުމަތް ފޯރުކޮށްދޭނެކަމަށެވެ.
މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ.