ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރެމުންދާ އިބޯލާ ރޯގާއާ ގުޅިގެން، ހާލަތު ގާތުން ބަލަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި (ޑީއާރްސީ) ޔުގާންޑާގައި ނުރައްކާތެރި ބައްޔެއް ކަމުގައިވާ އިބޯލާ ހަލުވިކަމާއެކު ފެތުރެމުންދާކަން ހާމަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން (ޑަބްލިޔުއެޗްއޯ) އިން ވަނީ، އެ ސަރަޙައްދުގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.
އެކުވެރި ދައުލަތްތަކުގެ (އދ) ޞިއްޙަތާ ބެހޭ މައި އިދާރާއިން ބުނީ، "ބަންޑީބޫޖޯ" ވައިރަހުގެ ސަބަބުން ފެތުރޭ މި ބަލި ކޮންގޯއާއި ޔުގާންޑާގައި ފެތުރެމުންދިޔަ ނަމަވެސް، ބަލިމަޑުކަމެއްގެ ސިފައިގައި މުޅި ދުނިޔެއަށް ފެތުރުމުގެ ނުރައްކާ އަދި ނެތް ކަމުގައެވެ. ނަމަވެސް، ކޮންގޯއާ އިންވެގެންވާ އަވައްޓެރި ޤައުމުތަކަށް މި ބަލި އިތުރަށް ފެތުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑު ކަމުގައި އެ އިދާރާއިން ފާހަގަކުރިއެވެ.
ފެތުރެމުންދާ އިބޯލާ ރޯގާއާ ގުޅިގެން، ރާއްޖެއިން ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ހާލަތު ގާތުން ބަލަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
މެއި 16 ވަނަ ދުވަހުގެ ނިޔަލަށް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ބޫނިޔާ، ރުވަމްޕާރާ އަދި މޮންގްބުވާލޫ ހިމެނޭ ގޮތުގައި ތިން ސަރަޙައްދަކުން ބަލި ޖެހިގެން 80 މީހުން މަރުވެފައިވާ ކަމަށް ޝައްކުކުރެވޭ ކަމުގައި ޑަބްލިޔުއެޗްއޯއިން ހާމަކުރިއެވެ. އަދި ލެބޯޓަރީ ތަހުލީލުތަކުން ކަށަވަރު ކުރެވިފައިވާ އަށް ވޭދަނައަކާއި، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 ވޭދަނައެއް ފެނިފައިވާއިރު، ކޮންގޯގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އިރުމަތީ ޕްރޮވިންސްގައި އަލަށް ފެތުރެން ފެށި މި ބަލިމަޑުކަމުގައި 80 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.
މިއީ، 1976 ވަނަ އަހަރު މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ކޮންގޯގައި މި ބަލި ފެތުރޭ 17 ވަނަ ފަހަރެވެ.