ފަލަސްޠީނުގެ ޣައްޒާގެ ސަރަޙައްދުތައް އިސްތިޢުމާރު ކުރުމަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުތައް ނުކުމެ، ދެމުންދާ އަނިޔާވެރި ޙަމަލާތަކާއި ކާބޯތަކެއްޗަށް ދަތިކުރުމުގެ ސަބަބުން ހައިހޫނުކަމުގައި ޣައްޒާއިން އިތުރު 81 މީހުން ޝަހީދުވެއްޖެއެވެ.
ހައިހޫނުކަމުގައި އިއްޔެ ޝަހީދުވި ތިން މީހުންނާއެކު، ޣައްޒާގައި ބަނޑަށްޖެހިގެން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 269 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 112 ކުޑަކުދިންވެސް ހިމެނެއެވެ.
ޣައްޒާގެ ދެކުނު ސަރަޙައްދުތަކަށް ޔަހޫދީން ދެމުންދާ ނިރުބަވެރި ޙަމަލާތައް، ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ތިބި ވަގުތީ ހިޔާއަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.
މުޅި ޣައްޒާ ބަނޑަށްޖެހި، އެތައް ހާސް ރައްޔިތުން ހައިހޫނުކަން ތަޙައްމަލުކުރަމުންދަނީ، ޣައްޒާއަށް އެހީ ވެއްދުމަށް ޔަހޫދީން ގަސްދުގައި ހުރަސްއަޅަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ދެ އަހަރު ފުރެން ގާތްވެފައިވާއިރު، ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް އެހީގެ ސާމާނާއި ކާބޯތަކެތި ވެއްދުމަށް އިންތިހާއަށް ދަތިކުރަމުންނެވެ.
މި އަހަރުގެ މާރިޗު މަހާއި މެއި މަހުގެ މެދުތެރެއާ ހަމައަށް ޔަހޫދީން ވަނީ ޣައްޒާއަށް އެއްވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދޭނޭހެން ހުރިހާ މަގުތަކެއް ބަންދުކޮށްފައެވެ. އެއާއެކު ކާބޯތަކެއްޗާއި ފެނާއި އިންސާނީ އެހީ އެއްވެސް ވަރަކަށް އެ ސަހަރަށް ވެއްދިފައެއް ނުވެއެވެ. އޭގެ ސަބަބުން ޣައްޒާއިން ވަނީ އެއްކޮށްހެން ކާބޯތަކެތި ހުސްވެފައެވެ.
ޣައްޒާގައި އެހީ ފޯރުކޮށްދޭ އދ.ގެ މައި ޖަމުޢިއްޔާ، އަންރުވާ އިން ބުނާ ގޮތުގައި، ޣައްޒާގައި ދިރިއުޅޭ ކޮންމެ ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު ދަނީ ކާޑުބަލި ތަޙައްމަލުކުރަމުންނެވެ.
ޣައްޒާ ސިޓީ އިސްތިޢޫމާރުކޮށް، އެ ސަހަރުގައި ދިރިއުޅެމުންދާ މިލިޔަނެއްހާ ރައްޔިތުން އަޅުވެތި ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ އެ ރަށުގެ ރަށްބޭރަށް އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރު ޖަމާކުރަން ފަށައިފައެވެ. އަދި، ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކޮށްގެން އެ ރަށުގެ ޢާންމުން ދިރިއުޅޭ ގެދޮރާއި ހަސްފަތާލުތައް ފަދަ ޢުމްރާނީ ވަސީލަތްތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަން ފަށައިފައެވެ.
ޔަހޫދީ ފައުޖުން ބުނީ، ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމުގެ އޮޕަރޭޝަން ފެށުމުގެ ގޮތުން، 60,000އެއްހާ ރިޒަރވް ސިފައިން ހަނގުރާމައިގެ މައިދާނަށް ނިކުތުމަށް އަމުރު ކޮށްފައިވާނެ ކަމުގައެވެ. އަދި، ސެޕްޓެންބަރު މަސް ފެށުމާ އެކު، އެ މީހުންގެ އަސްކަރީ އޮޕަރޭޝަން ފަށާނެ ކަމުގައެވެ. އަދި، ޔަހޫދީ ފައުޖުގައި ޚިދުމަތް ކުރަމުންދާ އެކްޓިވް ސިފައިން ރުކުރުވައިލުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.