ކުޅިވަރު

ފުޓުބޯޅަ އާއި ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ޕްރޮގްރާމް މަނަދޫގައި


ފުޓްސަލް އާއި ފުޓްބޯޅަ ރެފްރީން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ނ. މަނަދޫގައި ފަށައިފިއެވެ.

މިކޯހަކީ މިމަހުގެ 19 އިން 28 ވަނަ ދުވަހަށް ކުރިއަށްދާ ކޯހެކެވެ. މިއީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއާއި ނ. މަނަދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ނ. އަތޮޅުގެ އެކި ރަށްތަކަށް ނިސްބަތްވާ 20 ބައިވެރިއަކު އަންނަނީ ތަމްރީނުވަމުންނެވެ.

މި ކޯސް ނިމިގެންދާއިރު، ކޮންމެ ބައިވެރިއަކަށްވެސް ރެފްރީންގެ ފައުންޑޭޝަން ލެވެލްގެ ތަމްރީނުތައް ލިބިގެންދާނެއެވެ. އަދި މިއީ ފުޓްބޯޅަ އަދި ފުޓްސަލްގެ ރެފްރީންނަށްވާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ ބޭސިކް ހުނަރުތައް ދަސްކޮށްދޭނެ ކޯހެކެވެ. މިކޯހުގައި ކުރިއަށްދާނެ ބައިތަކުގެ ތެރޭގައި ޕްރެކްޓިކަލް އަދި ތިއަރީ ބައިތައް ހިމެނެއެވެ. މިގޮތުން ފިޒިކަލް ޓްރޭނިންގ އަދި ފީލްޑުގެ ގިނަ ހަރަކާތްތަކެއް މިކޯހުގައި ހިމަނާފައިވެއެވެ.

ނ. މަނަދޫގައި ކުރިއަށްދާ ބޭސިކް ފުޓްސަލް އަދި ފުޓުބޯޅަ ރެފްރީ ކޯހުގައި ކިޔަވައިދެއްވަނީ އެފްއޭއެމްގެ ޑިވެލޮޕްމަންޓު ކޯޗު މުހަންމަދު އަނީލް އަދި ކޯޗު އިސްމާއިލް އިޒްހާންއެވެ.