ސަލްޓަން ޕާކު ބަންދުކޮށް، އަލުން ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ސަލްޓަން ޕާރކު އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށް ސަލްޓަން ޕާކު ބަންދުވާޏެކަމަށެވެ.
ފަހުގެ ޓެކޮނޮލޮޖީއާއި، ކުޅިވަރުގެ އިތުރު ވަސީލަތްތަކާއެކު ސަލްޓަންޕާކް އަލުން ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިއަހަރުގެ ފެބްރުއަރީމަހު ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އޭރު ރައީސް ވިދާޅުވެފައިވަނީ ހައެއްކަ މަސްދުވަހުގެތެރޭގައި ސަލްޓަންޕާކް ތަރައްޤީކުރާނީ ދިވެހިންގެ އައިޑެންޓިޓީއާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒުވާނުންނާއި ކުޑަކުދިންނަށް ޝަޢުގުވެރިކަމާއެކު އެކިކަންކަން ދަސްވާނެ ފަދަގޮތަށްކަމަށެވެ. އަދި ކުޑަކުދިންނާ އާއިލާތަކުން ހިތްގައިމު ވަގުތުހޭދަކުރެވޭނެގޮތަށް އެތަން ތަރައްޤީކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަލްޓަން ޕާކް ތަރައްޤީކުރާނީ މާލޭގެ ޢިއްޒުއްދީން ފާލަން ސަރަހައްދާއި ޖުމްހޫރީ މައިދާން ހިމެނޭހެން މުޅި ސަރަހައްދުގެ ހިތްފަސޭހަކަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެގޮތަށްކަމަށެވެ.
ސަލްޓަން ޕާކް މިހާރު ފެންނަން އޮތްގޮތަށް ތަރައްޤީކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ. ރަސްރަނި ބަގީޗާގެ ނަމުގައި އޭރު އެތަން ހުޅުވިއިރު، ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އެތަނުގައި ކުޑަކުދިން ޢާއިލާއާއެކީ އުފާވެރި ވަގުތުތަކެއް ހޭދަކޮއްލެވޭ ގޮތަށް ކުޅޭނެ ވަސީލަތްތަކާއެކު ތިން ޕާކެއް ތަރައްޤީކޮށްފައިވެއެވެ. "ރަސްރަނި ބަގީޗާ"ގެ ނަމުގައި ހުޅުވި އެތަނުގެ ނަން އެންމެ އިހުގައި ބޭނުންކުރި "ސަލްޓަން ޕާކް"ގެ ނަމަށް ބަދަލުކުރުން ފިޔަވާ އިތުރު އެއްވެސް ކުރިއެރުމަށް ފާއިތުވި 5 އަހަރުގެތެރޭގައި ގެނެސްފައެއް ނުވެއެވެ.