ޚަބަރު

ބޯވާރޭއާ އެކު ޕާކިސްތާނުގެ ކަރާޗީ ހުއްޓުމަކަށް


ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޕާކިސްތާނުގެ ކަރާޗީގައި އޮގަސްޓު މަހުގެ 20ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ނިންމައިފިއެވެ.

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ގުގުރައި ވިދައި، ފެން ބޮޑުވުމާއި ހޮނު އެޅުމުގެ ހާދިޘާތައް ދަނީ ކުރިމަތިވަމުންނެވެ. ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިޘާގައި މަރުވި މީހުންގެ ޢަދަދު ވަނީ 377އަށް އިތުރުވެފައެވެ.

ކަރާޗީގެ ސަރަޙައްދީ ސަރުކާރުގެ ތަރުޖަމާނެއް ކަމަށްވާ ޢަބްދުލް ވާޙިދު ހަލީޕަތޯ ވިދާޅުވީ އޮގަސްޓު މަހުގެ 19ވަނަ ދުވަހު އެ ސަހަރަށް ވާރޭ ވެހެން ފެށިފަހުން މިހާތަނަށް ހަތް މީހުން މަރުވެފައިވާ ކަމަށެވެ. ފަހުގެ އަހަރުތަކުގައި ވެހިފައި ނުވާ މިންވަރަށް ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ކަރާޗީގެ އެކި ހިސާބުތަކަށް ވާރޭ ވެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީހުން މަރުވެފައި ވަނީ ގެނބިގެންނާއި އެކްސިޑެންޓުތަކުގައިއާއި އިމާރާތްތައް ވެއްޓުމުގެ އިތުރުން ކަރަންޓުގައި ޖެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރާޗީގެ ކަމާބެހޭ އިދާރާތަކުން ވަނީ މަދަރުސާތަކާއި ތަޢުލީމީ މަރުކަޒުތަކާއި އޮފީސްތައް ބަންދުކުރުމަށް އަންގައިފައެވެ. ސަރަޙައްދީ މޫސުމާ ބެހޭ އިދާރާގެ ތަރުޖަމާނެއް ކަމަށްވާ އަންޖުމް ނާޒިރު ވިދާޅުވީ ވާރޭ ވެހޭ މިންވަރު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޮގަސްޓު މަހުގެ 19ވަނަ ދުވަހު ކަރާޗީގެ އެކި ސަރަޙައްދުތަކަށް 80 މިލިމީޓަރާއި 178 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭވެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިރު ވިދާޅުވީ ކަރާޗީގެ ވައިގެ ބަނދަރު އޮންނަ ސަރަޙައްދަށް 163.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށެވެ. އެއީ 1979ވަނަ އަހަރުން ފެށިގެން އެ ސަރަޙައްދަށް މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހުނު މިންވަރެެވެ. ކަރާޗީގެ އިރުއުތުރުގެ ސަރަައްދުތަކަށް 178 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އެއީ އެ ސަރަޙައްދުގައި މީގެ ފަސް އަހަރުކުރިން މޫސުމާބެހޭ މަރުކަޒެއް ޤާއިމުކުރި ފަހުން ވާރޭފެހިފައިވާ އެންމެ ގިނަ މިންވަރެެވެ.

ވާރޭގެ ސަބަބުން ކަރަންޓުގެ ޚިދުމަތާއި މޮބައިލް ފޯނުގެ ޚިދުމަތުގެ އިތުރުން ފްލައިޓުތަކަށް ވެސް ބުރޫ އަރާފައިވެއެވެ. ފެންބޮޑުވެފައިވާ ކަރާޗީގެ މަގުތަކުގައި ކާރާއި އެހެނިހެން އުޅަނދުތައް އޮޔާދާތަނާއި، ގެތައް ފެނުގެ ތެރޭގައިވާ މަންޒަރު ފެންނަ ވީޑިޔޯތައް އެކި މަންސަތަކުަގައި ދަނީ ދައުރުވަމުންނެވެ.

ކަރާޗީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކަރާޗީ އިލެކްޓްރިކުން ބުނީ ކުއްލިއަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަރަންތުގެ ޚިދުމަތް ދިނުމަށް ބުރޫއަރާފައިވާ ކަމަށެވެ. ކަރަންޓު އަލުން ދިނުމުގެ މަސައްކަތް ކުރި ނަމަވެސް، ފެން ބޮޑުވުމުގެ ސަބަބުންނާއި ކާރޫބާރޫ ބޮޑުވުމުގެ ސަބަބުން އެ މަސައްކަތަކަށް ދަތިވެފައިވާ ކަމަށް ކަރާޗީ އިލެކްޓްރިކުން ބުނެއެވެ. ނަމަވެސް 8 ގަޑިއިރާއި 12 ގަޑިއިރުގެ ތެރޭގައި ގިނަ ސަރަޙައްދުތަކަށް އަލުން ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ.

ކަރާޗީގެ މޭޔަރު، މުރުތަޒާ ވައްހާބު ވިދާޅުވީ ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަގުތައް ސާފުކޮށް ޚިދުމަތްތައް އަލުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގައި މީހުން ސަލާމަތްކުރާ މަސައްކަތްތެރިންނާއި ފުލުހުންނާއި ދަރުމަވެރިންނާއި ސަރުކާރުގެ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ވައްހާބު ވިދާޅުވީ 40 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހޭނަމަ ކަރާޗީގެ ފެން ހިންދާ ނިޒާމަށް އެދެވޭ ގޮތުގައި މަސައްކަތް ނުކުރާ ކަމަށާއި، މަގުތަކުގައި ފެންބޮޑުވާ ކަމަށެވެ.