ޚަބަރު

މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް


  • ބޯޓުގައި އަލިފާން ރޯވެފައިވަނީ ވީލްހައުސް މަތީގައިން އެންޓަނާއެއް ކަނޑަން އުޅުމުން

  • އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 15:50 ހާއިރު

އދ. މާމިގިލީ ބޯޓުޔާޑެއްގައި އޮތް ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އދ. މާމިގިލި ފަޔަރ ސްޓޭޝަނަށް އެ ހާދިސާގެ މަޢުލޫމާތު މިއަދު 15:15 ހާއިރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 15:50 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެތެރޭގައި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.