ޚަބަރު

ޣައްޒާގައި މަންސޫރު ކުރި ހިތްދަތި ތަޖުރިބާ ދިވެހިން ރޮއްވާލަައިފި؛ ގޮވާލީ ފަލަސްޠީނާއެކު ދެމިތިބުމަށް!


  • ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢަމަލުތަކާއި، 6 މަސް ދުވަހު އޭނާ ކުރިމަތިލާން ޖެހުނު

  • މަންސޫރު ދިވެހިން ސިފަ ކުރީ ޣައްޒާގެ ރައްޔިތުން ފަދަ ހުލްޤު ހެޔޮ ބައެއްގެ ގޮތުގައި

ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ޔަހުދީން ހިންގަމުންދާ އަނިޔާވެރި ޤަތުލްއާމުގައި އެތައް ބަޔަކު ޝަހީދުކޮށްލާ އަދި އަދިވެސް އެ ލޯއޮހޮރުވުންތައް ދަނީ ކުރިއަށް ގެންދަމުންނެވެ. ފަލަސްޠީނުގެ މިނިވަންކަމަށް ދިވެހިންގ ފަސްނުޖެހި ކުރަމުންދާ މަސައްކަތް ފަލަސްޠީނުގެ ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުއެވެ.

ފަލަސްޠީނުގެ ރައްޔިތެއްކަމަށްވާ މަންސޫރު ޝޫމަންއަށް ދިވެހިރާއްޖެ އަންނަން ދައުވަތު ލިބުނީ ޤައުމީ ބޮޑު އެއްވުމުގެ އެއް ދުވަސްކުރިން ކަމަށް އޭނާ ބުންޏެވެ. އެހެނަސް ވަގުތުން އޭނާ ދަތުރުފަށައި އައިސް ދިވެހިންނާއެކު އޭނާ ވަގުތު ހޭދަކުރިއެވެ. ދިވެހިން ފަލަސްޠީނަށްޓަކައި އުފެދިފައި އޮތް ލޯބި އޭނާއަށް ހަމަލޮލުން ބަލައި ތަޖުރިބާކޮށްލަން ފުރުސަތު ލިބުނެވެ.

ޣައްޒާގައި ހިންގަމުންދާ ޤަތުލްޢާމުގެ ކުރީކޮޅު އެކަން ތަޖުރިބާ ކުރި މަންސޫރު ޝޫމަން ރާއްޖެއަށް އައުމާއެކު ލިބުނީ ހައިރާން ކަމެކެވެ. މިތާނުގައި ފަލަސްޠީނު ދެކެ އެވަރަށް ލޯބިވާ އިސްލާމް ދީނަށް އުޅޭ އެވަރުގެ އާބާދީއެއް އޮތްކަމެއް އޭނާއަށް އެނގިފައި ނެތެވެ. އޭނާ ބުނީ ރާއްޖެއޭ ބުނުމުން އަރަބި ދުނިޔޭގައިވެސް ސިފަވަނީ ފަތުރުވެރިކަމާއި ގޮންޑުދޮށްތައް ކަމަށެވެ.

ޤުދުސްގެ ރަށްވެއްސެއް ކަމަށްވާ މަންސޫރު 2009 ވަނަ އަހަރު ހައްޔަރުކޮށް އޭނާގެ ރައްޔިތުކަމުގެ އައިޑީ އަތުލައިގަތެވެ. އޭގެ ފަހުން އޭނާ ދަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ދަތުރުކުރަމުން ފަލަސްޠީނުގެ ވާހަކަތައް ދައްކަމުންނެވެ. ކަންދިމާކުރި ގޮތުން އޭނާގެ ފަސް ކުދިންނާއި އަނބިމީހާއެކު އޭނާއަށް 2022 ވަނަ އަހަރު ޣައްޒާއަށް ވަދެވުނެވެ. އެތަނުގެ ހާލަތު ވަރަށް ރަނގަޅަށް އޭނާއަށް އެނގެއެވެ. އޮކްޓޫބަރު 2023 ގައި ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢަމަލުތަކާއި، 6 މަސް ދުވަހު އޭނާ
ކުރިމަތިލާން ޖެހުނެވެ.

ޤައުމީ ބޮޑު އެއްވުމުގައި އޭނާ ހިއްސާކޮށްލި 16 އަހަރުގެ ޚުޒައިފާގެ ވާހަކަވެސް މައިދާނުގައި ތިބި ދިވެހިން ރޮއްވާލިއެވެ. އެހާވެސް ހިތްދަތިއެވެ. އެއް އަވަށުގެ މައުލޫމާތު އަނެއް އަވަށަށް ފޯރުކޮށްދެން ދިއުމުން ނުލާފާ ޔަހުދީންގެ ލަޝްކަރުގެ ހަމަލާ އަމާޒުވީ މެޔަށެވެ. އެ ހަމަލާގައި އޭނާ މި ދުނިޔެއާއި ޢަލްވަދާޢު ކީކަން އެނގުނީ ދުވަސްކޮޅެއް ފަހުންނެވެ. ހަށިގަނޑު ފެނުނީ ދުވަސްތަކެއް ފަހުން މަގުމަތިންނެވެ. މާތް ﷲ ކަރާމާތުގެ ހެއްކެއް އޭނާއަށް އެދުވަހު ފެނުނުކަމަށް މަންސޫރު ކިޔައިދިނެވެ. އެ ޝަހަރުން ދުވަހަކު ނުފެންނަ ރާދަ އަސްދޫންޏެއް އެކުއްޖާ ހަށިގަނޑުގެ ހިމާޔަތުގައި ހުރިތަން އޭނާއަށް ފެނުނެވެ.

ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަމުން ބޭރުވެވުނު މަދު މީހުންގެ ތެރޭގައި އޭނާ ހިމެނޭއިރު، އޭނާ ފަލަސްޠީނުގެ މައްސަލަ ސިފަ ކުރަނީ މިނިވަން ދުނިޔެއެއް ޤާބޫލުކުރާ އެންމެންގެވެސް މައްސަލައެއްގެ ގޮތުގައެވެ. ދިވެހިން ފޮނުވާ އެހީ ޣައްޒާގެ ރައްޔިތުންނަށް މީގެ ކުރިން ލިބުނުކަމަށާއި ދިވެހިންގެ އަސަރު ކައިރީގައި ތިބި ބޮޑެތި ޤައުމުތަކަށްވުރެ ބޮޑުކަމަށް އޭނާ ބުންޏެވެ.

"ޣައްޒާގެ ބިމުގެ ބޮޑުމިން ރާއްޖެއާ ގާތްގަނޑަކަށް އެއްވަރު. ޣައްޒާއަށްޓަކައި މި އަޙުން ކުރާ މަސައްކަތް ފެނޭ. އަހަރެން މި މީހުންނާއި ގުޅުން ބާއްވާތާ އަހަރެއް މިވީ. ރާއްޖޭގައި މިއޮތީ ކުޑަ އާބާދީއެއް. ކުޑަ އިޤްތީޞާދެއް. އެކަމަކު ޣައްޒާގައި ހުރި އަސަރުތައް މާ ވަރުގަދަ. ފޮނުވާ އެހީއާއި ލާރި އެބަލިބޭ އެތަނުގައި ތިބި މީހުންނަށް." މަންސޫރު ޕީއެސްއެމްއާ ވާހަކަދައްކަމުން ބުންޏެވެ.

މަންސޫރު ބުނީ، ދިވެހިންނަކީ ކިތަންމެ ކުޑަ އާބާދީއަކަސް ދިވެހިންނަކީ ހިއްވަރުގަދަ ބައެއް ކަމަށެވެ. އަދި ދިވެހިން ކުރަމުންދާ މަސައްކަތުގެ އަސަރުތައް ކުރިއަށް އޮތް ދިގު މުއްދަތަަށްވެސް ދެމިގެންދާނެ ކަމަށް އޭނާ ބުންޏެވެ. ދިވެހިން މިހާރު ސުމުދު ފްލޯޓިލާ މެދުވެރިކޮށް ބޯޓުތައް ޣައްޒާ ހިސޯރުން ނައްތާލުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވަމުންދާތީ އެކަން ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކަށް މިވަރުގެ ފިޔަވަޅެއްވެސް އަޅަން ކެރިފައި ނުވެއެވެ.

އޭނާ ދިވެހިން ސިފަކުރީ ޣައްޒާގެ ރައްޔިތުންފަދަ ހުލްޤު ހެޔޮ ބައެއްގެ ގޮތުގައެވެ. ޤައުމީ ބޮޑުއެއްވުމަށް އައުމުން އޭނާއަށް ހަނދާންވީ ޣައްޒާގައި އޭނާ އުޅުނު ދުވަސްތައް ކަމަށް އޭނާ ބުނިއެވެ.