ސޫރިޔާގެ އުތުރުގެ ރަށެއްކަމަށްވާ ޙަލަބްގައި އިދިކޮޅު ޖަމާޢަތްތަކުން ކޮންޓްރޯލްކުރާ ސަރަޙައްދުތަކަށް ސޫރިޔާ ސިފައިން ވައިގެ މަގުން ވަރުގަދަ ޙަމަލާތަކެއް ދެމުންގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ.
މިޙަމަލާތައް ދެމުން ގެންދަނީ ޙަލަބްގައި އިދިކޮޅު ޖަމާޢަތްތަކުން ކޮންޓްރޯލްކުރާ ސަރަޙައްދުތަކުގެ އިތުރުން އެތަންތަނާއި ގުޅިފައިވާ ކަސްޓެއްލޯ ހައިވޭގައިވާ އިދިކޮޅު ފަރާތްތަކުގެ އަމާޒުތަކަށެވެ.
ސޫރިޔާ ސިފައިން ވައިގެ ޙަމަލާތައް ދޭން ފަށާފައިމިވަނީ ޙަލަބްގައި އިދިކޮޅު ޖަމާޢަތްތަކުން ކޮންޓްރޯލްކުރާ ސަރަޙައްދުތައް ޙިސާރުކުރުމަށް ސޫރިޔާ ސިފައިން އެޅި ފިޔަވަޅުތައް ފޫއަޅުވާލެއްވިއްޖެކަން އެޖަމާޢަތްތަކުން ހާމަކުރިތާ އެއްދުވަސްފަހުންނެވެ.
ރަޝިޔާގެ އަސްކަރީ އެހީތެރިކަމާއެކު ކަސްޓެއްލޯ ހައިވޭ ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ޙަލަބްގައި އިދިކޮޅު ޖަމާޢަތްތަކުން ކޮންޓްރޯލްކުރާ ޞަރަހައްދުތައް ސޫރިޔާ ސިފައިން ހިސާރުކުރިތާ އެއްހަފްތާފަހުން އިދިކޮޅު ޖަމާޢަތްތަކުންވަނީ ވަރުގަދައަށް ހަނގުރާމަކޮށްގެން އެޙިސާރު ފޫއަޅުވާލާފައެވެ.
ސޫރިޔާ ސިފައިން މިހާރު ފަށާފައިވާ ވައިގެ ޙަމަލާތަކުގެ ބޭނުމަކީ ކުރިންކޮށްފައިވާ ޙިސާރު އަލުން އަނބުރައި ރުޖޫއަ ކުރުން ކަމަށް ރިޕޯޓްތައް ބުނެއެވެ.