ޚަބަރު

ޓޫރިޒަމަށް ދީފައިވާ މާމަޑުއްވަރީ އެއްބަސްވުން އުވާލައި ހިތާދޫއަށް ދޭނަން: ރައީސް


  • ރަށުގެ މަގުތައް ތަރައްޤީކޮށްދޭނެ

  • ސްކޫލަށް ޖާގަ އިތުރުކުރާނެކަމުގެ ޔަޤީންކަންދެއްވި

  • ސިއްޙީ މަރުކަޒަށް އައު ޚިދުމަތްތައް އިތުރުކޮށްދޭނެ

ޓޫރިޒަމްގެ ބޭނުމަށް ދީފައިވާ މާމަޑުއްވަރީގެ އެއްބަސްވުން އުވާލައި ހިތާދޫގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނެގޮތަށް މަސައްކަތްކުރުމަށް އެރަށް ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހިތާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން ހިތާދޫގެ ތަރައްޤީއަށް ވަރަށް އިސްކަންދީގެން ކުރަން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސާބިތުވެ ތިބޭނެކަމަށެވެ. ފާއިތުވި ދުވަސްތަކުގައި މަޝްރޫޢުތައް ހިންގުމަށް ވަރަށް ބޮޑަށް ތައްޔާރުވިކަމަށާއި، މަޝްރޫޢުތައް ހިންގޭނެ ގޮތްތައް ހޯދިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނުގެ ދަތުރުފުޅުގައި ސޮއިކުރެވުނު ދެ އެއްބަސްވުންކަމަށްވާ ހިތާދޫގެ ބިން ހިއްކުމާއި، ސްކޫލްގެ މަލްޓިޕާޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތް އެއީ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫޢުތަކަކަށްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އައު މަޝްރޫޢާއެކު ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި، އެނޫންވެސް ސްކޫލްގައި ހުރި ދަތިތައް ހައްލުވެ ވަސީލަތްތައް ފުރިހަމަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އޭގެ އިތުރަށްވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން އެބަހުރިކަމަށާއި، ސިއްޙީ ދާއިރާއިން އައު ޢިމާރާތް އެޅުމަށް މިހާރު ފެނަކައާ ހަވާލުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫޢުން ސިއްޙީ މަރުކަޒަށް ޖާގަ އިތުރުވެ، ލެބޯރެޓަރީގެ ޚިދުމަތާއި ޑައިލިސިސް އަދި އެނޫންވެސް ޚިދުމަތާއި ވަސީލަތްތައް ޤާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކުޅިވަރުގެ ދާއިރާއިން އަޅުގަނޑު ވަޢުދުވީ ބައެއްކަންކަން. އޭގެތެރޭގައި ބޮޑު ފުޓްބޯޅަ ދަނޑެއް، ވޮލީ ކޯޓެއް އަޅައިދޭން އަޅުގަނޑު ވާނީ ވަޢުދުވެފައި. މީގެ އިތުރަށްވެސް ބައެއް ކަންކަން ކުރަން ނިންމާފައިވާނީ. މިއަހަރު އަޅުގަނޑު ފަށާނެ މަޝްރޫޢަކީ ބޮޑު ފުޓްބޯޅަ ދަނޑު މިރަށުގައި އަޅަން. އެ މަޝްރޫއު ހިންގާނީ ފުލް ސްކޭލްގައި، އެހެން ރަށްރަށުގައިވެސް އަޅާގޮތަށް. މީގެ ކުރިން ދަނޑުތައް ހަދަނީ. އެކި މަސައްކަތް އެކި ކުންފުނިތަކަށް ދީގެން. ސަބްބޭސް ކުންފުންޏަކަށް، ފާރު ރާނަން އެހެން ކުންފުންޏަކަށް ދީގެން. އެހެނެއް ނޫން ލައިޓު ޖެހުމާއި ހުރިހާ ކަމެއް ފުރިހަމަވާނެހެން ފުރިހަމަ ދަނޑެއް މިރަށުގައި އަޅާނަން. ދެވަަނަ ކަމަކަށް ވޮލީ ކޯޓެއް އެޅުމުގެ އަމަލީ މަސައްކަތްވެސް މިއަހަރު ފެށޭނެކަމުގެ ޔަޤީންކަން އަރުވަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތާއި، އައުޓްޑޯ ޖިމުގެ މަސައްކަތްވެސް މިއަހަރު ހިތާދޫގައި ފަށްޓަވާނެކަމަށެވެ.

ރައީސް ވިދާޅުވީ މަގު ހެދުން ކުރިއަށް ގެންދާނީ ރައްޔިތުންނަށް ފައިދާވާގޮތަށް ރައްޔިތުން ބޭނުންވާގޮތަށްކަމަށެވެ. ބައެއް ރަށްރަށުގައި ތާރު އެޅުމަށް ބޭނުންނުވާއިރު، ގައު އެތުރުމަށްވެސް ބައެއް ރަށްރަށުން ބޭނުންވާކަމަށެވެ. އަނެއްބައި ރަށްރަށުގައި ބޭނުންވަނީ ހަމައެކަނި ފެން ހިނދޭގޮތަށް ބޭއްވުމަށްކަށާއި، ވުމާއެކު ހިތާދޫ ރައްޔިތުން އެދޭގޮތަށް މަގު ހެދުން ކުރިއަށް ގެންގޮސްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތާރީޚީ ގޮތުން ހިތާދޫގެ ހިއްސާ އޮތް ރަށެއްކަމަށްވާ މާމަޑުއްވަރީ އަކީ ހިތާދޫއަށް ފައިދާ ހޯދޭނެ ރަށެއްކަމަށެވެ. މިހާރު ޓޫރިޒަމަށް ދީފައި އޮތް ނަމަވެސް އެއްވެސް މަސައްކަތެއް އެރަށުގައި ނުހިނގާކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ދަތުރު ދިއުމާއި އިޤްތިޞާދީ ބޭނުމަށް އެއީ ހިތާދޫއަށް މުހިންމު ރަށެއްކަމަށް ރައީސް ވިދާޅުވިއެވެ.

މާމަޑުއްވަރީ ޓޫރިޒަމްގެ ބޭނުމަށް ދީފައި އޮންނަތާ ތިރީހަކަށް އަހަރުވެފައިވީ ނަމަވެސް އެއްވެސް ކަމެއް ނުހިނގާ އޮތުމުން ހިތާދޫގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާކަމަށް ހިތާދޫ ކައުންސިލުންވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަމަށްވުރެ މުހިންމުކަމެއް އެމަނިކުފާނަށް އަދި ސަރުކާރަށް ނޯންނާނެކަމަށެވެ. ވުމާއެކު ޤާނޫނުތެރެއިން އެރަށުގެ އެއްބަސްވުން ނިމުމަކަށް ގެނެސް ހިތާދޫއަށް އެެރަށް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ ޓޫރިޒަމް މިނިސްޓްރީއާއި އެޓަރނީޖެނެރަލްގެ އޮފީސް ގުޅިގެން އެކަންކުރާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެގޮތަށް މާމަޑުއްވަރީގެ ބޭނުން ހިފުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ހިތާދޫގައި ހިންގާ ގިނަ މަޝްރޫޢުތައް ނިންމުމަށްފަހު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ވަޑައިގެންނެވުމަށް އުންމީދުކުރައްވާކަމަށް ވިދާޅުފައެވެ.